Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

"ޝިފާއަކީ އަހަރެންގެ ހައްގެއް"

މަހަށް ނިކުމެ އުޅެނިކޮށް 2007 ވަނަ އަހަރު މެދުން ބިނދިގެން ސ. މަރަދޫ ސްލިޕްވޭ އަށް އެހާލައިފައި އޮތް "ޝިފާ" ދޯންޏަކީ މިހާރު އަމިއްލަ އެއްޗަކަށްވެފައިވާ ކަމަށް އެތަނުގެ މެނެޖިން ޑިރެކްޓަރު އިބްރާހީމް ހަބީބް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މަރާމާތު ވެސް ނުކުރެވި ސްލިޕްވޭ އަށް އެހެލާފައި އޮތް އިރު، ދައްކަން ޖެހޭ ފީ ދޯނީގެ ވެރި ފަރާތުން މިހާތަނަށް ދައްކަމުން ވެސް ނުދާ ކަމަށެވެ. ދޯނި އެތަނުގައިި އޮންނަ ކޮންމެ ދުވަހަށް 400ރ. ހިނގަ އެވެ،

ފިއުޗާ އިންވެސްޓްމަންޓްގެ 50 ޕަސެންޓް ހިއްސާ އާ އެކު ބަނދެފައިވާ ދޯނި ދުއްވި ޅ. ހިންނަވަރު އަހުމަދު ޝަރީފު އަބްދުއް ރަހުމާން ކުރިން ބުނެފައި ވަނީ ދޯނި މަރާމާތު ކުރަން ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ދޯނި މަރާމާތު ވެސް ނުކުރެވުމާ ގުޅިގެން "ޝިފާ" ގެ މަތިން އޭނާ ވަނީ ހަނދާން ނައްތާލާފަ އެވެ.

ހަބީބް ވިދާޅުވީ ދޯނީގެ ވެރި ފަރާތުން ދޯންޏާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ވެސް ނުކުރާ ކަމަށެވެ.

ޝިފާ ދޯނި ދެ ބުރިވީ ޝަރީފް ކުރިން ދުއްވި "މަސްތިލަ" ދޯންޏާއި 110 ފޫޓުގެ ޝިފާ ދޯނި ބަދަލު ކުރުމަށް ފަހު މަހަށް ނުކުތްތާ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގަ ސ. ކޯއްްޓޭ ބޭރުން އޮކްޓޯބަރު 16، 2007 ގަ އެވެ.

ހަބީބް ވިދާޅުވީ އެ ދޯނި ދެން މަރާމާތު ކުރަން ބޭނުން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އޭތި އެހެން ކަމަކަށް ބޭނުން ކުރަން ރޫޅާލުން މާ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.