Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އައްޑޫގެ ތިން އަވަށެއްގެ ނަރުދަމާ އޮގަސްޓްގައި ނިމޭނެ

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ނަރުދަމާގެ މަޝްރޫޢުގެ 61 ޕަސަންޓް ނިމިފައިވާ ކަމަށާ އަންނަ އޮގަސްޓް މަހު އެއްކޮށް މަޝްރޫއު ނިންމައިލެވޭނެ ކަމަށް ކޮންޓްރެކްޓް އެމްޓީސީސީން ބުނެފި އެވެ.

ނަރުދަމާ މަޝްރޫޢުގެ ދަށުން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި 38 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމު ކުރަން ޖެހެ އެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުޙައްމަދު ހުޝާމް ވިދާޅުވީ ޓީވީއެމަށް ވިދާޅުވި ގޮތުގައި މިމަ ޝްރޫޢުގެ ދަށުން ފޭދޫގައި 6 ޕަމްޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ނިމުމަކާ ހަމައަށް އައިސްފައިވާ އިރު، ޕަމްޕް ސްޓޭޝަންތަކުން ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓާއި ގުޅޭ ޕްރެޝަ ނެޓްވޯކްގެ ހޮޅި އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އަދި ގޭބިސީތަކަށް ހޮޅި ގުޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް ވިދާޅުވި އެވެ.

ފޭދު އާއި މަރަދޫފޭދޫ އަދި މަރަދޫގެ 2،500 ގޭބިސީއަށް ނަރުދަމާ ހޮޅި ގުޅަން ޖެހެ އެވެ.


،
ހުޝާމް ވިދާޅުވީ މިމަޝްރޫޢުގައި ގްރެވިޓީ ނެޓްވޯކް އެޅުމުގެ މަސައްކަތުގެ 75 ޕަސަންޓް މިހާރު ވަނީ ނިމިފަ އެވެ.

މީގެ އިތުރުން ފޭދޫގައި ގާއިމް ކުރާ ސްވަރޭޖް ޓްރީމަންޓް ޕްލާންޓްގެ ކޮންކްރީޓް މަސައްކަތުގެ 60 ޕަސަންޓް ނިމިފައިވާ ކަމަށާއި މަރަދު އާއި މަރަދޫފޭދޫ ޓްރާންސްފަ ސްޓޭޝަންގެ ކޮންކްރީޓް މަސައްކަތުގެ 85 ޕަސަންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

ސަރުކާރުން 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ އޯޕެކް ފަންޑް ފޮ އިންޓަރނޭޝަނަލް ޑިވަލޮޕްމަންޓް (އޯފިޑް) ގެ ލޯން އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުންޏާ ހަވާލު ކުރި އައްޑޫގެ ނަރުދަމާ ޤާއިމް ކުރުމުގެ މުޅި މަޝްރޫއު އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ނިމޭނެ އެވެ.

އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްގެން ހިތަދޫގައިވެސް އަންނަޖީ ނަރުދަމާގެ މަސައްކަތް ކުރަމުންނެވެ. މިމަޝްރޫޢުގެ ދަށުން ހިތަދޫގެ 870 ގެއަކަށް ނަރުދަމާ އެޅުމަށް ހަމަޖެހިފައިވެ އެވެ.

އަދި ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ކުންފުންޏާ ޙަވާލުކޮށްގެން ހުޅުމީދޫގައި ވެސް ނަރުދަމާ އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހުޅުމީދޫ ނަރުދަމާގެ މަޝްރޫއަކީ ވެސް އޮފިޑްގެ ލޯން އެހީގެ ދަށުން 113 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.