އަންނަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނަ އިރު އިލެކްޝަން ކަމިޝަން (އީސީ) އޮތީ މިނިވަން މުސްތަގިއްލުކޮށް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
މާލޭގައި ތިބި އައްޑޫ މީހުންނަށް ހާއްސަކޮށްގެން ހުޅުވި "ޖަޒީރާ ރައީސް" ކެމްޕެއިން ޖަލްސާ ހުޅުވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރޮޒޭ ވިދާޅުވީ އީސީގައި ތިބީ ރައީސް ޔާމީންގެ އަޅުން ކަމަށާއި އިލެކްޝަން ކަމިޝަން މިނިވަން ނޫން ކަމަށެވެ.
ރިޔާސީ އިންތިހާބަށް އަލި އަޅުވައި ރޮޒޭ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ފަސޭހަ ނުވާނެކަމަށާއި، މުވައްސަސާ ތަކުން އިންތިހާބު ހިސޯރުކޮށްފައިވާ ކަމަށެވެ. އެހެންވެ އެމްޑީޕީން ނިކުންނަން ޖެހޭނީ ބޮޑު ހަނގުރާމައަކަށް ކަމަށެވެ.
ރޮޒޭ ވިދާޅުވީ ރިޔާސީ އިންތިހާބުގައި މަލޭގައި ތިއްބެވި އައްޑޫ މީހުންނަށް ހާއްސަ ޖަގަހައެއް ހުޅުވުމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި، އައްޑޫ އަކީ އަބަދުވެސް އެމްޑީޕީގެ ކިއްލާއެއް ކަމަށެވެ. އެގޮތުން މިފަހަރުގެ އިންތިހާބުވެސް އައްޑޫން ބޮޑުތަނުން އެމްޑީޕީން ކާމިޔާބް ކުރާނެކަމަށެވެ.
އީސީގެ މެމްބަރުން މިނިވަން ނޫން ކަމަށް ރޮޒޭ ވިދާޅުވި އިރު އީސީގެ ރައީސް އަހުމަދު ޝަރީފަކީ ދާދި ފަހުން ޕީޕީއެމަށް މެމްބަރުން ހޯދުމަށް އެންމެ އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅާ އެވެ.