Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ރާއްޖެއަށް ވޯޓް ނުދީ ވޯޓަށް އިންޑިއާއިން ނުފޫޒު ފޯރުވި!

އދ. ސަލާމަތީ މަޖްލިސްގައި ރާއްޖެއަށް އިންޑިއާގެ ވޯޓު ނުދީ، ގޮޑި ކާމިޔާބު ވިޔަ ނުދިނުމަށް އެހެން ގައުމުތަކަށް އިންޑިއާއިން ބާރު އަޅައި ނުފޫޒު ފޯރުވިކަމަށް އިންޑިއާގެ މީޑިއާ ތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ އެންމެ ބޮޑު އެއް ނޫސްކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއަށް ވޯޓުދޭން ތިބި ބައެއް ގައުމުތަކުން ވޯޓު ނުދިނީ އިންޑިއާގެ އެދުމުގެ މަތިން ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަލާމަތީ މަޖްލިސްގެ ވޯޓުގައި 60 އަށް ވުރެ ގިނަ ގައުމުން ރާއްޖެއަށް ތާއިދުކޮށް ވޯޓު ދޭނެކަން ލިޔުމުން އަންގާފައިވާ ކަމަށެވެ. އަދި އިތުރު 30 ގައުމަކުން އަނގަބަހުން ވޯޓުދޭނެކަން ރާއްޖެއަށް އެންގިކަން ކަށަވަރުވެފައިވާކަމަށް އެނޫހުން ބުނެފައިވެއެވެ.

މި މަހުގެ އަށް ވަނަ ދުވަހު ނެގި ވޯޓުގައި ރާއްޖެ އޮތީ އެ ވޯޓުތައް ލިބޭނެ ކަމުގެ އުންމީދުގައި ކަމަށާއި ނަމަވެސް އޭގެތެރެއިން ގިނަ ގައުމުތަކުން ގޮތް ނިންމުމުގައި ބަލަނީ އިންޑިއާއަށް ކަމަށް ބުނެފައިވެއެވެ.

އިންޑިއާއިން ވޯޓު ދިނީ އިންޑޮނޭޝިއާއަށް ކަމަށާއި، އަދި އިންޑޮނޭޝިއާއަށް ވޯޓު ހޯދައި ދިނުމުގައި އިންޑިއާއިން މަސައްކަތް ކުރިކަމަށެވެ.

ސަލާމަތީ މަޖްލިސްގެ ވޯޓުގައި ރާއްޖެއަށް ލިބުނީ އެންމެ 46 ވޯޓެވެ. އިންޑޮނޭޝިއާ ގޮޑި ކާމިޔާބް ކުރީ 144 ވޯޓުންނެވެ.