ޖުމްހޫރީ ޕާޓީގެ ރައީސްކަމުގެ މަޤާމަށް އެޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ޖުމްހޫރީ މިއަދު ކުރިމަތި ލައްވައިފި އެވެ.
އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރަށް އަލީ ވަހީދު ފޮނުއްވި ސިޓީގައި އޭނާ ޖޭޕީގެ ރައީސް ކަމަށް ކުރިމަތިލައްވަނީ އެ ޕާޓީ އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެންމެންނަށް ހަމަހަމަ، ގޮފިތަކުގެ ބާރުވެރި، އިންތިޒާމްވެފައިވާ ކޮމިޓީތަކެއްގެ ތެރެއިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހާދިމް އިހުލާސްތެރި މަސައްކަތެއް ކޮށްދިނުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ރައީސްކަމަށް އެބޭފުޅާ ކުރިމަތިލައްވައިފި ކަމަށް ވެސް ލިޔުއްވާފައިވެއެވެ.
އަލީ ވަހީދު މިހާރު ހުންނެވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑްވައިޒަރަކަށެވެ.
އަލީ ވަޙީދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ވެރިކަން ހޯދުމަށް ކޯލިޝަން ނުހޭދޭނަމަ ނުހެދޭނީ އެމްޑީޕީއާއެކު ކަމަށެވެ. އެހެންނަމަވެސް، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިހުތިރާމް އޮތްކަމުގައިވިޔަސް ކާމިޔާބު ހޯދުމުގައި ތަފާތުތަކެއް ހުރިކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.