Last Updated: July 23, 14:58
Thursday, July 23, 2026
ޚަބަރު

ހޮސްޕިޓަލް ހުޅުވާނީ މަދު ޚިދުމަތްތަކާ އެކު: ހެލްތު

ދެހާސް އެގާރަ ވަނަ އަހަރުގެ ސާކް ސަމިޓަށް އައްޑޫގައި އެޅި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ތަރައްޤީ ކުރާ 100 އެނދުގެ ހޮސްޕިޓަލް ހުޅުވާއިރު އެތަނުން ލިބޭނީ ބައެއް ޚިދުމަތްތައް ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މިގޮތަށް ވިދާޅުވި އިރު މީގެ ކުރިން ސަރުކާރުގެ އިސްވެރިން ވަނީ އައްޑޫގައި ޤާއިމްކުރެވޭ ހޮސްޕިޓަލުން ޒަމާނީ ހުރިހާ ވަސީލަތެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވެފައި ވަނީ، އައްޑޫގައި ހަދަމުން އަންނަ އާ ހޮސްޕިޓަލް ނިންމައި ހިދުމަތް ދޭން ފަށާ އިރު، ވެރި ރަށް މާލޭން ނުލިބޭ ސިއްހީ ހިދުމަތް އައްޑޫން ލިބޭނެ އެވެ.

ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާޒިމް ވިދާޅުވީ އީސީސީގައި ހަދާ ހޮސްޕިޓަލްގައި ފުރަތަމަ ފަށާނީ ހުރިހާ ހިދުމަތްތަކާއި އެކުގައި ނޫން ކަމަށެވެ. ރަފީޤުގެ ވިދާޅުވި ގޮތުގައި މިނިސްޓްރީގެ ޕްލޭނަކީ ވަކިވަކިން ޚިދުމަތްތައް ތަޢާރަފް ކުރަމުން ގެންދިއުމެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސަރަހައްދުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ އެކަށީގެންވާ ސިއްޙީ ޚިދުމަތެއް ނުލިބުމެވެ. ހިތަދޫގައި މިހާރު ހުންނަ މި ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލުން ވެސް އެކަށީގެންވާ ޚިދުމަތެއް ނުލިބެއެވެ. އެގޮތުން އެ ހޮސްޕިޓަލުގެ އެކްސްރޭ މެޝިނަށް މައްސަލަތަކެއް ދިމާވެފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.