Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ޕީއެސްއެމުން ދައްކަނީ ތަރައްޤީ، ޕްރޮޕަގެންޑާއެއް ނޫން: ހަލީލު

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ހަލީލު، ފޮޓޯ ޕީއެސްއެމް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދެނީ ސަރުކާރުން ގެންނަ ތަރައްޤީ ކަމަށާއި ސަރުކާރު ޕްރޮމޯޓު ކުރާ ޕްރޮޕަގެންޑާ ނޫންކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ހަލީލު ވިދާޅުވެއްޖެއެވެ.

ވޯލްޑްކަޕް ކަވަރޭޖް އާއި ދިމާކޮށް "ރަށްވެހި ތަރައްޤީ" ނަމުގައި ސަރުކާރު ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރާކަމުގެ ފާޑު ކިއުން އަމާޒުވުމާއި ގުޅިގެން ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ ޕީއެސްއިން ގެނެސްދެނީ ސަރުކާރުން ރައްޔިތުންނަށް ގެނެސްދެމުންދާ ތަރައްޤީކަމަށެވެ.

އަދި އެއީ އެއްވެސް ގޮތަކަށް ސަރުކާރު ޕްރޮމޯޓު ކުރުމަށް ހިންގާ ޕްރޮޕަގެންޑާއެއް ނޫންކަމަށެވެ.

ޕީއެސްއެމް ވޯލްޑްކަޕް ކަވަރޭޖްގައި ދޭތެރެ ދޭތެރެއިން ރައްވެހި ތަރައްޤީގެ ނަމުގައި ސަރުކާރުން ހިންގާފައިވާ ކަންކަމުގެ ސްޓެޓިސްޓިކަލް މައުލޫމާތު ދަނީ ގެނެސްދެމުންނެވެ.

ރައްޔިތުންގެ ފައިސާއިން ހިންގާ ޕީއެސްއެމްއިން އިދިކޮޅު އެއްވެސް ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްވެސް އަދި އެފަދަ ބޭފުޅެއްގެ އިންޓަވިއުއެއްވެސް ގެނެސް ނުދޭތީ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހަލީލިު ވިދާޅުވީ ޕީއެސްއެމްގެ އެޑިޓޯރިއަލްއަކީ މިނިވަން ހުޅުވާލެވިފައިވާ އެޑިޓޯރިއެލްއެއްް ކަމަށެވެ.

ހަލީލު މިފަދައިން ވިދާޅުވި އިރު ޕީއެސްއެމްއިން ދަނީ ރައީސް އަބްދުﷲ ޔާމީން އާއި އަނބިކަބަލުން ފާޠިމަތު އިބްރާހިމް ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތްތައް ބަރާބަރަށް ކަވަރުކޮށްފައެވެ. ޕީއެސްއެމްއަށް ފާޑު ކިޔާ ރައްޔިތުން އެންމެ ބޮޑަށް ފާހަގަ ކުރަނީ ސިޔާސީ އެއްވެސް މަގާމެއް، ހައިސިއްޔަތެއް ނެތް ރައީސްގެ އަނބިކަބަލުން ކުރިއަށް ގެންދަވާ ހުރިހާ ހަރަކާތްތަކެއް ފުރިހަމައަށް ކަވާ ކުރަމުންދާތީއެވެ.