އައްޑޫގައި ފެން ބަންދުކުރާ ޕްލާންޓެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ގާތްގަޑަކަށް 3.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން ފެން ބަންދުކުރާ ޕްލާންޓެއް ގާއިމު ކުރަނީ ދިވެހި އަމިއްލަ ކުންފުންޏެއް ކަމައްވާ ޕީއެމްއޯ އިންނެވެ.
އައްޑޫގައި ފެން ޕްލާންޓެއް ގާއިމު ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެ ކުންފުނިން ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުމާ ގުޅިގެން މިއަދު އެއްބަސްވުމުގައި ސޮއިކޮށް ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެެވެ.
ކައުންސިލުން ބުނީ ޕީއެމްއޯ އާ އެކު ބިމުގެ އެއްބަސްވުމުގައި ސޮއި ކުރާތާ 180 ދުވަހުގެ ތެރޭގައި ޕްލާންޓްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ޕީއެމްއޯގެ ޕްރޮޕޯސަލްގައި ބުނެފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ސަބަބުން އައްޑޫގައި ގިނަ ވަޒީފާގެ ފުރުސަތު ވެސް ހުޅުވިގެން ދާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި އައްޑޫގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅަށް ވެސް އައްޑޫގައި އުފައްދާ ފެން ހެޔޮ އަގުގައި ސަޕްލައި ކުރެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.