Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ޖުލައި 1 ގައި އާ ލިސްޓެއް ނެރޭނެ: އީސީ

އިލެކްޝަންސް ކޮމިޝަން - ފޮޓޯ: ރާއްޖެއެމްވީ

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް 10 ޖޫންގައި އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެ ލިސްޓަށް ހުށަހެޅުނު ޝަކުވާތައް ހައްލުކުރުުމަށްފަހު، ޖުލައި 1 ގައި އާ ލިސްޓެއް އާންމުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެކޮމިޝަނުން ބުނީ މިހާތަނަށް 34 ޝަކުވާ އެއް ވޯޓާސް ލިސްޓާގައި ގުޅިގެން ހުށަހެޅިފައިވާ ކަމަށެވެ.

އީސީގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ އިސްލާހުކޮށްފައި އާންމުކުރާ ލިސްޓުގައި ކުރިން ހުށަހެޅި މައްސަލައެއް ހައްލު ނުވެ އޮތް ނަމަ އެ މައްސަލަތައް ހައްލުކުރުމަށް ޝަކުވާ ހުށަހެޅުމަށް އަނެއްކާވެސް 12 ދުވަހުގެ މުއްދަތެއް ދެއްވާނެ ކަމަށާއި ޖުލައި 12 ގެ ފަހުން ހުށަހަޅާ އެއްވެސް މައްސަލައެއް ބަލައި ނުގަންނަވާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާތަނަށް ވޯޓާސް ލިސްޓާ ގުޅިގެން އެއްވެސް ސިޔާސީ ޕާޓީއަކުން ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް ބުދަ ދުވަހުގެ ސުންގަޑީގެ ކުރިން ސިޔާސީ ޕާޓީތަކުންވެސް ޝަކުވާ ހުށަހަޅާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މީގެ އިތުރުން މިހާތަނަށް އެސްއެމްއެސް މެދުވެރިކޮށް އަދި ވެބްސައިޓް މެދުވެރިކޮށް 18000 މީހުން ވޯޓާސް ލިސްޓް ޗެކްކޮށްފައި ވާކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.