Last Updated: April 24, 12:03
Wednesday, April 24, 2024
ޚަބަރު

ނޭޗާ ޕާކްތައް ހުޅުވުން އަންނަ މަހަށް ފަސްކޮށްފި

މި މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ބުނި އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކްތައް އަންނަ މަހު ހުޅުވަން ފަސްކޮށްފި އެވެ.

މި ނޭޗާ ޕާކްތަކަކީ އައްޑު އާއި ފުވައްމުލަކުގައި ހުރި ގުދުރަތީ ގޮތުން ހާއްސަ ތަންތަނުގެ ބޭނުން ހިފައިގެން އިގުތިސާދީ ގޮތުން ވެސް ފައިދާ ހޯދުމަށް އިކޯ ޓޫރިޒަމްގެ ދަށުން ހިންގާ މަޝްރޫއެކެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީގައި ހުޅުވާ ނޭޗާ ޕާކްތަކަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔޫރަޕިއަން ޔުނިއަންގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީސީއޭޕީ) ގެ ބައެކެވެ.

މި ދެ ތަން ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، އެ ތަންތަނުގައި ރެސްޓޯރަންޓްތައް ހިންގާނެ ބަޔަކު ހޯދަން ވެސް ދާދި ފަހުން އިއުލާންކޮށްފައިވެ އެވެ.

އައްޑޫ ނޭޗާ ޕާކް ތަރައްގީކޮށްފައި ވަނީ ހިމާޔަތްކޮށްފައިވާ އީދިގަލި ކުޅި އާއި ކޯއްޓޭ ހިމެނޭ ގޮތަށެވެ. ފުވައްމުލަކުގެ ނޭޗާ ޕާކް ހަދާފައި ވަނީ ހިމާޔަތްކޮށްފައިވާ ފުނާޑު ކުޅި އާއި ދަޑިމަގު ކުޅީގަ އެވެ.