ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެފައިވަނިކޮށް، އިދިކޮޅު އެމްޑީޕީ ނުހިމަނައި ޖުމުހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އިއުލާން ކުރެއްވި ކެބިނެޓު އިއުލާން ކުރައްވާފައިވަނީ އެއްވެސް މަޝްވަރާއެއް އަދި އެންގުމެއް ވެސް ނެތި ކަމަށް ބުނެ ކެބިނެޓުގައި ހިމެނޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ހުށައަޅާފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އެމަނިކުފާނުގެ ބައްޕާފުޅުގެ ފަރާތުން، ރައީސް މައުމޫންގެ އޮފީސް ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަދިވެސް މަސައްކަތް ކުރަމުން އަންނަނީ ހަތަރު ޕާޓީ އެކުގައި ކެންޑިޑޭޓެއް ނެރުމަށް ކަމަށެވެ.
އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި އިއުލާނަކީ ރައީސް މައުމޫނާއި އެމަނިކުފާނުގެ ގާތް ބޭފުޅުންނާ މަޝްވަރާ ކުރެވިގެން ކުރެވުނު އިއުލާނެއް ނޫން ކަމަށް އެ ޓުވީޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އަދާލަތު ޕާޓީގެ ޓުވިޓާ އެކައުންޓުންވެސް ވަނީ މިފަދަ މަޝްވަރާއެއް ކުރެވިފައިނުވާ ކަން ހާމަކޮށްފައެވެ. އަދި އެފަދަ ނިންމުމެއް ނިންމާފައިވާނަމަ ފުރަތަމަ އެޕާޓީން ރަސްމީކޮށް ދިވެހި ރައްޔިތުންނަށް އެކަން އިއުލާން ކުރާނެ ކަމަށް އަދާލަތު ޕާޓީން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވަނީ ހިޔަނި ކެބިނެޓްގެ ވަޒީރުކަން ދެއްވި ބައެއް ބޭފުޅުންނަށް މަގާމުތައް ދީފައިވަނީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް ބުނެ މިފަދަ އިއުލާނެއް ކުރެވުނީމަ ވަރަށް ބޮޑަށް ހައިރާން ވެފައިވާ ކަމަށް ބުނެ ޓުވީޓެއް ކޮށްފައެވެ.
ގާސިމްގެ ކުއްލި އިއުލާނާ އެކު އިދިކޮޅު ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ބައެއް ދެބަސްވުންތައް އިތުރު ވެފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ފޭސްބުކް މެދުވެރިކޮށް ގާސިމް ދެއްވި މެސެޖު މިހާރު ފޮހެލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިކަމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން އަދި ރަސްމީ ގޮތެއްގައި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.