Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ގާސިމްގެ ލައިވް ވީޑިއޯ އެފްބީން ޑިލީޓްކޮށްފި

އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޖުމްހުރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް، އޭނާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަދު ދެއްވި ވީޑިއޯ މެސެޖު ޑިލީޓްކޮށްލައިފި އެވެ.

ޖަރުމަނުގައި މިހާރު ދިރިއުޅުއްވާ ޤާސިމް އެ ވީޑިއޯ ޑިލީޓްކޮށްފައިވަނީ، ލައިވްކޮށް ދެއްވި އެ ވީޑިއޯ މެސެޖު ނިމުނުތާ ގިނަ އިރުތަކެއް ނުވަހީނެވެ. އެ ބަޔާން ދެއްވަމުން ޤާސިމް ވަނީ ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓް ވެސް އިއުލާނުކުރައްވައިފަ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ނުހިމަނައި އެ ވީޑިއޯ މެދުވެރިކޮށް ޤާސިމް ވަނީ ޖުމްހުރީ ކޯލިޝަންގެ ކެންޑިޑޭޓް، ރަނިން މޭޓް އަދި ކެބިނެޓްވެސް އިއުލާން ކުރައްވާފައެވެ. އެގޮތުން ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް އިބްރާހިމްއެވެ. ރަނިން މޭޓަކީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުއެވެ.

ގާސިމްގެ ޖުމްހުރީ ކޯލީޝަން ކެބިނެޓްގައި ހިމެނިވަޑައިގަންނަވަނީ ޖުމްހުރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަށް ތާއިދު ކުރައްވާ ޕީޕީއެމް ފެކްޝަންގެ ބޭފުޅުންނެވެ.

ޖުމްހުރީ ކޯލީޝަން ކެބިނެޓް:

1. ޑިފެންސް މިނިސްޓަރު އަލީ ވަހީދު
2. ބަނޑާރަ ނައިބު ނޫރުއްސަލާމް އަބޫބަކުރު
3. ފޮރިން މިނިސްޓަރު ދުންޔާ މައުމޫން
4. ފިނޭންސް މިނިސްޓަރު ޑރ.މަހުމޫދު ޝައުގީ
5. ހޯމް މިނިސްޓަރު އަބްދުﷲ ރިޔާޒު
6. ޓުރިޒަމް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް
7. ހައުސިން މިނިސްތަރު ޝެއިހް އިމްރާން އަބްދުﷲ
8. އާޓްސް އެންޑް ކަލްޗަ މިނިސްޓަރު ޔުމްނާ މައުމޫން
9. ކޮމިއުނިކޭޝަންސް އެންޑް ޕްލޭނިން މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް
10. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ރަޝީދު
11. އިސްލާމިކް މިނިސްޓަރު އަލީ ޒާހިރު
12. އެޑިއުކޭޝަން މިނިސްޓަރު ޑރ.އާސިމް މުހައްމަދު
13. ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ.އަހުމަދު އިޔާޒު
14. ހެލްތު މިނިސްޓަރު ޑރ.ޝާހު މާހިރު
15. ޖެންދަ މިނިސްޓަރު ޝިދާތާ ޝަރީފު
16. ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު
17. ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިބްރާހީމް
18. ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން
19. ހިއުމަން ރިސޯސް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން
20. އެންވަރަމެންޓު މިނިސްޓަރު މުހައްމަދު ފަޔާޒު

ޤާސިމް އިއުލާނުކުރެއްވި ކެބިނެޓާ ގުޅިގެން، ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސް އާމިނަތު ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން އަދިވެސް މަސައްކަތް ކުރަމުން އަންނަނީ ހަތަރު ޕާޓީ އެކުގައި ކަމަށެވެ.

"މިއަދު ޖޭޕީ އިން ކުރެއްވި އިއުލާނަކީ ރައީށް މައުމޫން އާއި އަދި ރައީސް މައުމޫން އާއެކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި މަޝްވަރާ ކުރެވިގެން ކުރެވުނު ކަމެއް ނޫން ކަމުގައި ދަންނަވަން"، ނާދިރާގެ ޓްވީޓްގައި ވެއެވެ.

މީގެ އިތުރުން ޖުމްހޫރީ ކޯލިޝަންގެ ހިއުމަން ރިސޯސަސް އެންޑް ލޭބާ މިނިސްޓަރުގެ މަޤާމަށް އައްޔަންކުރެއްވި އެ ޕާޓީގެ މެމްބަރު އަބްދުﷲ ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަކީ އޭނާ ކައިރީގައި އެހުމެއް ނެތި ހަވާލްކުރާ މަޤާމް ނޫނީ ހަވާލް ކުރަން އުޅޭ މަޤާމް ޤަބޫލް ކުރާހިއްވާ މީހެއް ނޫން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ޤާސިމްގެ ވީޑިއޯ މެސެޖު ޑިލީޓްކުރީ އެ ވީޑިއޯ އަޑުއެހުމުގައި އުނދަގޫތަކެއް ހުރުމުގެ ސަބަބުން ކަމަށާއި އެކަން ރަނގަޅުކޮށް ޕޭޖަށް ވީޑިއޯ އަޕްލޯޑުކުރާނެ ކަމަށެވެ.