Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ސިޔާސީ ލީޑަރުން މިނިވަން ކުރަން އީޔޫން ގޮވާލައިފި

މިހާރު ކުރިއަށްދާ އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 38 ވަނަ އާއްމު ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ލީޑަރުން މިނިވަން ކުރުމަަށާއި އިދިކޮޅު ލީޑަރުންނާ އެކު އިޚްލާސްތެރިކަމާ އެކު މަޝްވަރާ ކުރުމަށް ދިވެހި ސަރުކާރަށް ވިލާތުގެ އިއްތިޙާދު (އީޔޫ) އިން ގޮވާލައިފި އެވެ.

މިކަމަށް އީޔޫން ގޮވާލާފައި ވަނީ އެ ބައްދަލުވުމުގައި އީޔޫގެ ފަރާތުން ހުށަހެޅި ބަޔާނުގަ އެވެ. ރާއްޖޭގައި ޑިމޮކްރަސީއަށާއި އަސާސީ ހައްޤުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބިރުވެރިކަމާ މެދު އީޔޫން އިންތިހާ އަށް ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އީޔޫން މީގެ ކުރިން ވެސް ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ތަފާތު ކަންތައްތަކާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި ފަހަރު ވިލާތުގެ އިއްތިޙާދުން ދިވެހި ސަރުކާރަށް ގޮވާލާފައި ވަނީ ސިޔާސީ އިދިކޮޅު ލީޑަރުންނާ މަޝްވަރާކޮށްގެން މިނިވަން، އިންސާފުވެރި އިންތިޚާބެއް މި އަހަރު ބޭއްވުމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙު ބަދަ\ލުވަމުންދާ ގޮތާއިމެދު ކަންބޮޑުވުން އެކި ޤައުމުތަކުން ފާޅުި ކުރަމުންދެއެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގެ މުއްދަތު ކުޑަތަން ވަމުންދާއިރު އެ އިންތިޚާބަކީ އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް އެ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ވުމުގެ ފުރުސަތު ކުޑަ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.