Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އީސީސީ ސަރަހައްދު ހާއްސަ ކުރީ ޓޫރިޒަމަށް: ސޯބެ

އެމްޑީޕީ ސަރުކާރުން ހިތަދޫގައި ކޮންވެންޝަން ސެންޓަރު (އީސީސީ) ބިނާ ކުރުމަށް ފަހު އެ ސަރަހައްދު ހާއްސަ ކުރީ ފަތުރުވެެރި ކަމަށް ކަމަށާއި އެމަސައްކަތް ހުއްޓުވާލީ ބަޤާވަތުން ވެރިކަން ވައްޓާލައިގެން ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

ކޮންވެންޝަން ސެންޓަރ ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް އެމްޑީޕީ ސަރުކާރުން ވަނީ އެސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ނަގައިފަ އެވެ.

އީސީސީ ސަރަހައްދުން ނަގާފައިވާ ގޯތިތައް އަލުން އަންނަ ހަފްތާ ތެރޭ ދޫކުރައްވާނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ޓުވިޓާ މެދުވެރިކޮށް ވިދާޅުވުމާ ގުޅިގެން ސޯބެ އެވާހަކަތަކަށް ރައްދު ދެއްވައި ވިދާޅުވީ ކޮންވެންޝަން ސެންޓަރު ހިމެނޭ ސަރަހައްދަކީ އައްޑޫގައި ސިޓީ ހޮޓެލް އަޅަން އޮތް ތަން ކަމަށެވެ.

އަދި އެތަނުގައި ސިޓީ ހޮޓާ އެޅުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއްލާން ކުރިކަމަށެވެ.

ނަމަވެސް އެހުރިހާ ކަމެއް ހުއްޓުނީ ބަޤާވާތުން ވެރިކަން ވައްޓާލުމާއި ގުޅިގެން ކަމަށެވެ.

އީސީސީ ސަރަހައްދުން ނެގި ގޯތިތައް ދޫކުރަން ނިންމައި ހައުސިން އިން އިއްލާން ކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ބައެއް މީހުން ބުނީ ގޯތި ދޫކުރަން އުޅެނީ ޕީޕީއެމް އެކްޓިވިސްޓުންނަށް ކަމަށާއި، އެއީ ރިޔާސީ އިންތިހާބާއި ދިމާކޮށް ކުޅޭ ސިޔާސީ ކުޅިގަނޑެއް ކަމަށެވެ.

ގޯތި ދޫކުރަން ނިންމެވިިކަމަށް މުއިއްޒު ވިދާޅުވި އިރު ހިތަދޫ، އަދި ހުޅުދޫގައި ހެދި ފްލެޓްތަކަށް އެތައް ބަޔަކު ކުރިމަތިލައި އިންތިޒާރު ކުރަމުން އަންނަތާ ދެ އަހަރުވާ އިރު އަދިވެސް އެތަން ލިބޭ ފަރާތްތަކަށް ދޫކުރައްވާނެ ތާރީހެއް ވިދާޅެއް ނުވެއެވެ.