Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދިރާސާއެއް އައްޑޫގައި

އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލު ދެނެގަތުމަށްޓަކާ ދިރާސާއެއް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނިންމައިފިއެވެ.

މި ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ އެޗުއާރުސީއެމް އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިގެންނެވެ. އެޗްއާރުސީއެމުން ބުނާ ގޮތުގައި އެ ދިރާސާގެ މަގުސަދަކީ އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލިބިދޭ ރައްކާތެރިކަން ކަށަވަރުވެފައި އޮތް މިންވަރު ދެނެގަނެ އެފަރާތްތަކުގެ ހާލަތު ރަނގަޅު ކުރެވޭނެ މޮނިޓަރިން ނިޒާމެއް ގާއިމު ކުރުމުގެ މަގުފަހިކޮށްދިނުމެވެ.

އެ ދިރާސާ ކުރުމަށްޓަކާ 1500 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ހޯދަން ވަނީ ނިންމާފައެވެ. އަދި ދިރާސާގެ ކަންތައް ކުރިޔަށް ގެންދިޔުމަށް އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އެ އެޗްއާރުސީއެމުން ވަނީ ހުޅުވާލާފައެވެ.

ދިރާސާގެ އަމަލީ މަސައްކަތް މިމަހު 25 ގައި ފެށުމަށް ވަނީ ހަމަޖެހިފައެެވެ. ދިރާސާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 3 ދުވަހުގެ މުއްދަތަކަށެވެ. އެ ދިރާސާގައި އެސިޓީގެ ހުރިހާ ރަށެއްގެ އުމުރުން ދުވަސްވީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭކަމަށް ބެލެވޭ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރާނެ ކަމަށް އެޗުއާރުސީއެމް އިން ވަނީ ބުނެފައެވެ.