Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ފޮޓޯ: އީސީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު މި މަހުގެ 10 ވަނަ ދުވަހު އާންމުކޮށްފައިވާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިތުރު ވަގުތު ދީފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މިރޭ 10:30 އާ ހަމައަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ކުރިން އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދުގެ 13:30 އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަން އިން ބުނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ކަމަށެވެ. އަދި މާލޭގައިނަމަ، އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ) އިން ކަމަށާއި ޝަކުވާ ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ ގާނޫނުގައިވާ ގޮތުން މުއްދަތު އިތުރުކޮށްދެވެން އޮތް އެންމެ ދިގު ވަގުތަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.