ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި އާ ސަފީރު، އަލްފާޟިލް އިބްރާހިމް އުވައިސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ޖަޕާނުގެ އެމްޕެރަރ ހިޒް މެޖެސްޓީ އަކިހީޓޯއަށް އިއްޔެ އަރުވައިފިއެވެ.
ޓޯކިޔޯ އިމްޕީރިއަލް ޕެލަސްގައި އިއްޔެ ހެނދުނު އޮތް ރަސްމިއްޔާތުގައި އެމްބެސެޑަރ އިބްރާހިމް އުވައިސް ގެ އަރިހުގައި ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ އަލްފާޟިލް އާދަމް ޙާމިދު އާއި ސެކަންޑް ސެކްރެޓަރީ އަލްފާޟިލް މުހައްމަދު ތަހުސީނު ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ޖަޕާނުގެ މިނިސްޓަރ އޮފް ޑިފެންސް ހިޒް އެކްެސެލެންސީ އިސުނޯރީ އޮނޮޑޭރާ އާއި އިމްޕީރިއަލް ހައުސްހޯލްޑްގެ ގްރޭންޑް މާސްޓަރ އޮފް ސެރެމޮނީސް ޔޮޝިޓަކާ އަކިމޮޓޯ ވެސް ބައިވެރިވެވަޑައިގަތެވެ.
ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 14 ނޮވެމްބަރު 1967 ގައެވެ. ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އުފެދުނުތާ 50 އަހަރު ފާހަގަ ކުރުމުގެ މުނާސަބަތާއިގުޅޭ ހަރަކާތްތަކެއް ވޭތުވެދިޔަ އަހަރާއި މިއަހަރުގެ ފުރަތަމަކޮޅު މާލެ އަދި ޓޯކިޔޯގައި ވަނީ ދެެސަރުކާރުގެ ފަރާތުން ބާއްވާފައެވެ.
ޖަޕާނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުނީ 10 މެއި 2007 ގައި ކަމަށްވާއިރު، މިހާތަނަށް ރާއްޖެއިން ޖަޕާނަށް ތިން ސަފީރަކު ކަނޑައަޅުއްވާފައި ވެއެވެ. އަދި އުވައިސް އަކީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ހަތަރުވަނަ ސަފީރެވެ.
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން އަކީ ދިވެހިރާއްޖޭގެ ރައީސަކު، ޖަޕާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވި ދައުލަތުގެ އެންމެ އިސް ވެރިޔާއެވެ. 14 އިން 17 އޭޕްރިލް 2014 އަށް ރައީސް ޔާމީން ޖަޕާނަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޖަޕާނުގެ އެމްޕެރަރ ހިޒް މެޖެސްޓީ އަކިހީޓޯއާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޝިންޒޯ އާބޭއާ ބައްދަލުކުރައްވާފައެވެ.