Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ޖޭޕީގެ ލީޑަރަކަށް ގާސިމް ކުރިމަތިލައްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، އެ މަޤާމަށް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައިވާ ނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މިއަދު ޖޭޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ ކޮންގްރެސްގައި އިންތިޚާބު ކުރާ މަޤާމުތަކުގެ ތެރެއިން އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައި ނުވާ ހަަމައެކަނި މަޤާމަކީ ޕާޓީގެ ލީޑަރުގެ މަގާމު ކަމަށެެވެ.

ސަމީރު ވިދާޅުވީ ޕާޓީގެ ލީޑަރުގެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލެއްވީ ޖުމްހޫރީ ޕާޓީ އުފެއްދި ފަހުން މިއަދާ ހަަމައަށް އެޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި ގާސިމް އިބްރާހީމް އެ ޕާޓީ އުފެއްދުމަށާއި އެޕާޓީ ހިންގުމަށްޓަކައި ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގު ޕާޓީގެ މެމްބަރުން ވަޒަންކުރާތީ ކަމަށެވެ.

ޤާސިމް އިބްރާހީމަށް ޖަލު ހުކުމެއް އިއްވާފައިވާތީ ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުގެ ދަށުންނާއި ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ކުރިމަތިލުމަށް ޤާސިމަށް ވަނީ ހުރަސްއެޅިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު – ފޮޓޯ: ވީނިއުސް

ސަމީރު ވިދާޅުވީ ޤާސިމް އިބްރާހީމަކީ ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށްވާތީ ޖުމްހޫރީ ޕާޓީގައި ލީޑަރެއް ނެތުމުން ޕާޓީއަށް ދިމާވާ މައްސަލަތައް ކޮންގްރެސްގެ ތެރެއިން ހައްލުކޮށް އެކަން ކުރާނެ ގޮތް ފަހުން ހާމަކުރައްވާނެ ކަަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ހޮވާ ޖޭޕީގެ އެންމެ އިސް މަގާމުތަކުގެ ތެރެއިން ޕާޓީގެ ހަތަރު ނައިބް ލީޑަރުންގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު އެޕާޓީގެ ރައީސް ކަމަށާއި ނައިބް ރައީސް ކަމަށް އިންތިޚާބު ކުރަން ނިންމާފައިވަނީ އެއް ބޭފުޅެކެވެ. މިއިން ކޮންމެ މަޤާމަކަށް ކުރިމަތިލައްވާފައިވަނީ ވެސް އެންމެ ބޭފުޅެކެވެ.

ޖުމްހޫރީ ޕާޓީގެ ތިންވަނަ ކޮންގްރެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 21 އަދި 22 ގައި ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ.