Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އިންތިޚާބު އޮބްޒާވް ކުރަން ބޭރަށް ދައުވަތު ދީފި

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް - ފޮޓޯ: މުހައްމަދު ޝަރުހާން (ރާއްޖެއެމްވީ)

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮބްޒާވްކުރަން ބޭރުގެ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދައުވަތު ދީފި އެވެ.

އެ ކޮމިޝަނުްގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮބްޒާވްކުރަން ހަތް ޤައުމަކަށާއި ތިން ޖަމިއްޔާއަކަށް އެ ކޮމިޝަނުން ދައުވަތު ދީފައިވާ ކަމަށެވެ.

އެގޮތުން އެ ކޮމިޝަނުން ދައުވަތު ދީފައިވަނީ ޔޫރަޕްގެ ދެ ޤައުމަކަށާއި ސާކުގެ ދެ ޤައުމަކަށާއި އޭޝިޔާ ޕެސިފިކްގެ ދެ ޤައުމެއްގެ އިތުރުން އަރަބި ޤައުމަށެވެ. އޭގެ އިތުރުން ބައިނަލްއަޤްވާމީ ތިން ޖަމިއްޔާއަކަށް ވެސް ދައުވަތު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އިންތިޚާބު އޮބްޒާވްކުރަން ބޭރުގެ ފަރާތްތަކަށް ދައުވަތު ދިން އިރު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ކަންތައް ހިނގަމުންދާ ގޮތުން، ރިޔާސީ އިންތިޚާބުގެ މިނިވަންކަމާ މެދު ބޭރުގެ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

އިންތިޚާބަށް ތައްޔާރުވުުގެ މަސައްކަތްތަކުގެ 85% މިހާރު ނިންމާފައިވާއިރު، އިންތިޚާބު މޮނިޓާ ކުރަން ބޭނުންވާ ރާއްޖެއާއި ބޭރުގެ ނޫސްވެރިންނަށް އެ ފުރުސަތު އީސީ އިން ވަނީ ހުޅުވާލާފަ އެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ ޖުލައި މަހުގެ 15 ދުވަހު ހުޅުވާލާއިރު، މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިޢުލާން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނާއިބު ރައީސް ސުޖާއު ހުސައިނެވެ.