ރާއްޖޭގައި މަސައްކަތް ކުރާ އިންޑިޔާ ރައްޔިތުންގެ ވިސާ އަދި ވޯކްޕާމިޓް އާ ނުކޮށްދިނުމާއި އިންޑިޔާ ރައްޔިތުންނަށް ވިސާ ނުދޭ މައްސަލަ ހައްލުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިއްޖެ އެވެ.
އިންޑިއާގެ ނޫހެއް ކަމުގައިވާ "ދަ ހިންދޫ" އިން ރިޕޯޓްކުރާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ވިސާއާއި ވޯކް ޕާމިޓް އާކުރުމުގައި ދިމާވާ މައްސަލަތަކާއި ދަތިތައް ބަޔާންކޮށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު އާސިމަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އެ ސިޓީގައި ވިސާއާއި ވޯކް ޕާމިޓްގެ މައްސަލަތައް ހައްލުކޮށްދިނުމަށް އެދިވަޑައިގެންފައިވާ ކަމަށާއި ސިޓީ ފޮނުވުމުގެ ކުރިން އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ މައްސަލަތަކާއި ވިސާގެ މައްސަލަތައް ހައްލުކުރުމަށް އިންޑިއާގެ އޮފިޝަލުންތަކެއް ރާއްޖެ ވަޑައިގެންނެވި ކަމަށްވެސް "ދަ ހިންދޫ" އިން ރިޕޯޓްކުރެއެވެ.
ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ވިސާއާއި ވޯކް ޕާމިޓް އާކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދުނީ މިމައްސަލަ ރާއްޖޭގައި ދިމާވަމުންދާތީ މައްސަލަ ހައްލުކޮށްދިނުމަށް އިންޑިއާގެ ކެެރަލާ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އިންޑިއާގެ މައި ސަރުކާރުގައި އެދިވަޑައިގަތުމުންނެވެ.
ވިޖަޔަން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ، ސުޝްމާ ސުވަރާޖްއަށް ފޮނުވި ސިޓީއެއްގައި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިޔާ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އެގޮތުން 30،000 އިންޑިޔާ ރައްޔިތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިންވެސް ގިނައީ ކެރެލާ ސްޓޭޓުގެ ރައްޔިތުން ކަން ވިޖަޔަން ފާހަގަކުރެއްވިއެވެ. ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އިންޑިޔާ ރައްޔިތުން ގިނަކަން ސިޓީގައި ވިޖަޔަން ފާހަގަކުރައްވާފައިވެއެވެ.
އަދި އިންޑިޔާ ރައްޔިތުންނަށް ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަން ފާހަގަ ކުރައްވައި ވިޖަޔަން ބުނެފައިވަނީ މީގެ ކުރިން އެއް ހަފްތާ ތެރޭ ވިސާ އިންޑިޔާ ރައްޔިތުންނަށް ލިބުނު ކަމުގައި ވިޔަސް، މިހާރު ވިސާ ނުލިބިގެން އެތައް ރައްޔިތުންނެއް ޝަކުވާ ހުށައަޅަމުން އަންނަ ކަމަށެވެ.
އަދި އެފަދަ މައްސަލަތައް ދިމާވާތީ ރާއްޖޭގައި މަސައްކަތް ކުރުމަށް ދަތިވަމުން އަންނަ ކަމަށް އިންޑިޔާ ރައްޔިތުން އަންނަނީ ބުނަމުންނެވެ. ރާއްޖެ އާ އިންޑިޔާއާ ދެމެދު މައްސަލައެއް ނެތް ކަމަށް ސަރުކާރުން ބުނެފައިވާއިރު މިކަމާ ގުޅިގެން އިމިގްރޭޝަނުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.