Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ދެ ފަނޑިޔާރުންގެ ޙުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

އަބްދުﷲ ސައީދު (ވ) އަލީ ހަމީދު (ކ) - ފޮޓޯ: އަވަސް

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ދެ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ނިންމައި، އެ މައްސަލައިގެ އިސްތިއުނާފް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

އެ ދެ ބޭފުޅުން ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކުރީ މިވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާއާއި ގުޅިގެންނެވެ.

ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަލަށްލާން އެގޮތުން ކްރިމިނަލް ކޯޓްގެ އެ ޙުކުމަށް ހައި ކޯޓުން ވެސް ވަނީ މި މަހު ތާއީދުކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިއްވި ހަތަރު މަހުގެ ޖަލު ހުކުމަށް ވެސް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

އެ މައްސަލަ ދެ ފަނޑިޔާރުންގެ ފަރާތުން ސުޕްރީމް ކޯޓްގައި އިސްތިއުނާފުކުރުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމާފައިވަނީ އެ މައްސަލާގެ އިސްތިއުނާފު ބަލައިނުގަތުމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމުގައި ބުނެފައިވަނީ، މައްސަލަ އިސްތިއުނާފުކުރި ސަބަބުތަކަށް ބަލާއިރު ހައިކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ކަނޑައަޅާނެ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އަދި ހައި ކޯޓުގެ ހުކުމަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފް ޙުކުމެއް ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އެ ނިންމުމުގައިވެ އެވެ.

އެގޮޮތަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު އެ ދެ މައްސަލާގެ އިސްތިއުނާފް މަރުހަލާ ނިމުނީ އެވެ. އެހެންވުމުން ފަނޑިޔާރުންގެ ޤާނޫނު އޮތްގޮތުން އެ ދެ ބޭފުޅުން މިހާރު މަޤާމުން ވަކިވީ އެވެ.

މީގެ އިތުރުން ފުލުހުންގެ ތަހުޤީޤަށް ފޯނު ދޭން އިންކާރު ކުރި މައްސަލާގައި ވެސް އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާ އަދި ނުފަށަ އެވެ.

އެ މައްސަލާގެ އިތުރުން ވެސް އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އާއި އިތުރު ދައުވާއެއް ވެސް އުފުލާފައެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.