އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ދެ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު އެ ދެ ބޭފުޅުން މިއަދުން ފެށިގެން މަޤާމުން ވަކިވެ، އުއްތަނަ ފަނޑިޔާރުގެ މަޤާމް ހުސްވެއްޖެ އެވެ.
އެ ދެ ބޭފުޅުން ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކުރީ މިވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާއާއި ގުޅިގެންނެވެ.
ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަލަށްލާން އެގޮތުން ކްރިމިނަލް ކޯޓްގެ އެ ޙުކުމަށް ހައި ކޯޓުން ވެސް ވަނީ މި މަހު ތާއީދުކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިއްވި ހަތަރު މަހުގެ ޖަލު ހުކުމަށް ވެސް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ދެ ފަނޑިޔާރުންގެ ފަރާތުން ސުޕްރީމް ކޯޓްގައި އިސްތިއުނާފުކުރުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމާފައިވަނީ އެ މައްސަލާގެ އިސްތިއުނާފު ބަލައިނުގަތުމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމުގައި ބުނެފައިވަނީ، މައްސަލަ އިސްތިއުނާފުކުރި ސަބަބުތަކަށް ބަލާއިރު ހައިކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ކަނޑައަޅާނެ އެއްވެސް އަސާސެއް ނެތް ކަމަށެވެ.
އަދި ހައި ކޯޓުގެ ހުކުމަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފް ޙުކުމެއް ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އެ ނިންމުމުގައިވެ އެވެ.
ފަނޑިޔާރުންގެ ގާނޫނު މިހާރު އޮންނަ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވާ ކަމަށް ކުރާ ހުކުމް ނިހާއީ ހުކުމަކަށް ވެއްޖެ ނަމަ، އެ ބޭފުޅަކު އޮޓަމެޓިކުން މަގާމުން ވަކިވާނެ އެވެ. އެހެންވުމުން ސުޕްރީމް ކޯޓްގެ މިއަދުގެ ނިންމުމާއެކު އެ ދެ ބޭފުޅުން މިހާރު މަޤާމުން ވަކިވީ އެވެ.
މިއީ ކުށެއް ސާބިތުވެގެން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަޤާމުން ވަކިވި ފުރަތަމަ ފަހަރެވެ.
މިދިޔަ ފެބްރުއަރީ މަހު އެ ދެބޭފުޅުން ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް ވެސް އެ ބޭފުޅުން ތިއްބެވީ ފަނޑިޔާރު ކަމުން ސަސްޕެންޑް ކޮށްފަ އެވެ.
މީގެ އިތުރުން ފުލުހުންގެ ތަހުޤީޤަށް ފޯނު ދޭން އިންކާރު ކުރި މައްސަލާގައި ވެސް އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާ އަދި ނުފަށަ އެވެ.
އެ މައްސަލާގެ އިތުރުން ވެސް އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އާއި އިތުރު ދައުވާއެއް ވެސް އުފުލާފައެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.