Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހެލިކަޕްޓަރުތަކުގެ މައްސަލަ އަށް ހައްލެއް ހޯދަނީ

21 އެޕްރީލް 2018. ހިތަދޫގައި މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ހެލިކަޕްޓަރު ހަރަކާތްތެރިވަނީ

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ހެލިކަޕްޓަރުތައް އަނބުރާ ގެންދަން ރާއްޖެއިން އަންގާފައިވާތީ އެކަމާއި ގުޅޭގޮތުން ދެ ޤައުމުން މަޝްވަރާ ކުރަން ނިންމައިފިއެވެ.

އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޖޫން މަހުގެ ފަހުކޮޅު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން މިހާރު ވަނީ ހަމަޖެހިފައެވެ. އެހެން ނަމަވެސް މިކަމާއި ބެހޭގޮތުން ދިވެހި ސަރުކާރުގެ ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިންޑިޔާގެ އެންމެ މަޝްހޫރު ނޫސް ކަމުގައިވާ "ދަ ހިންދޫ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެލިކަޕްޓަރުތަކުގެ މައްސަލައިގައި ވާހަކަ ދެއްކުމަށް އިންޑިޔާ އާއި ރާއްޖޭގެ ދިފާޢީ ވުޒާރާތަކުގެ އިސްވެރިން ބައްދަލުކުރާނެއެވެ.

ދިވެހި ސަރުކާރުން ބުނެފައިވާ ގޮތުގައިދެ ހެލިކަޕްޓަރު ގެންދަން އިންޑިޔާ އަށް އަންގާފައި ވަނީ ރާއްޖެއިން މެރިޓައިމް ސަވައިލެންސަށް ޚާއްސަ ޑޯނިއާ ފްލައިޓެއް ގެންނަން ނިންމާފައިވާތީއެވެ.

އިންޑިޔާއިން ހަދިޔާކުރި ދެ ހެލިކަޕްޓަރު ރާއްޖޭގައި އޮޕަރޭޓްކުރުމަށް ދީފައިވާ ލެޓަ އޮފް އެކްސްޗޭންޖުގެ މުއްދަތު ވަނީ ހަމަވެފައެވެ. އަދި އޭގެ މުއްދަތު އިތުރުނުކޮށް މިމަހުގެ ނިޔަލަށް ދެ ހެލިކަޕްޓަރު ވެސް އަނބުރާ ގެންދަން ރާއްޖެެއިން ވަނީ އިންޑިޔާ ސަރުކާރަށް އަންގާފައެވެ.