Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ފިލްމް ފޮ ޗޭންޖް" ފަށައިފި

ފޮޓޯ: ސަން

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ދިރާގުން ގުޅިގެން އިންތިޒާމު ކުރާ "ފިލްމް ފޮ ޗޭންޖު" ތަމްރީން ޕްރޮގްރާމް މިއަދު ފައްޓައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށް ކަމަށް މައުލޫމާތު ލިބެއެވެ. މި ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާ ކަމަށް ޔޫއެންޑީޕީ އިން ބުނެއެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ އެ ޕްރޮގްރާމުގެ ބައިވެރިންނަށް، މަދު އިކުއިޕްމަންޓް ބޭނުންކޮށްގެން އިޖުތިމާއީ އެކިއެކި މައްސަލަތަކުގެ މައްޗަށް ބިނާކޮށް ކުރު ފިލްމް ތައްޔާރު ކުރުމުގެ ހުނަރު ދަސްކޮށްދެވޭނެ ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ. މުޖުތަމަޢުގެ ތެރޭގައި ހިނގާ ތަފާތު އެކި އެކިނ މައްސަލަތަކަށް އަލިއަޅުވާނެ ގޮތް މި ޕްރޮގްރާމްގައި ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ. އަދި ފިލްމް ތައްޔާރު ކުރާއިރު ހިމެނޭ ހުރިހާ މަސައްކަތެއްގެ ތަމްރީނުވެސް ބައިވެރިންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް ޔޫއެންޑީޕީ އިން ބުންޏެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމާއި ފިލްމު ޝޫޓްކުރުން އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން ޑައިރެކްޓް ކުރުމާއި ވީޑިއޯގްރަފީ، ވާހަކަ ލިޔުމުގެ އިތުރުން ޕްރޮޑަކްޝަނާ ބެހޭ ގޮތުން ބައިވެރިން ތަމްރީން ކުރާނެ ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ.

އެ ޕްރޮގްރާމްގެ ބައިވެރިން ތަމްރީން ކުރާނީ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ. މީގެ އިތުރުން ސްޓްރީކް، ރަވީ، އޯކޭޒް އިންކް، ސްކޮޔާ ސްޓޫޑިއޯ އަދި ސިކުޑިކޯޕް އަކީ، ކުރު ފިލްމް އުފެއްދުމުގެ ޕްރޮގްރާމްގެ މެންޓާސްގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތަކެވެ.

މި އަހަރު ނިމުމުގެ ކުރިން ޒުވާނުން އުފައްދާ ފިލްމްތައް ރަސްމީކޮށް ލޯންޗް ކުރުން ފިލްމު ފެސްޓިވަލްގައި ކުރިއަށްދާނެ ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ.

ސޯޝަލް މީޑިއާ ބޭނުންކޮށް އާންމުންނާ ހަމައަށް ބައިވެރިން ތައްޔާރުކުރި ކުރު ފިލްމު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޔޫއެންޑީޕީ އިން ބުނެޏެވެ.