Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

އައްޑޫ ކައުންސިލްގެ ޤުރުއާން މުބާރާތް މިރޭ ފަށަނީ

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އައްޑޫގެ ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ "އައްޑޫ ޤުރުއާން މުބާރާތް 1439" މިރޭ ފަށާ ގޮތަށް ނިންމައިގި އެވެ.

މުބާރާތް އޮންނާނީ މި ރެއިން ފެށިގެން 23 ވަނަ ދުވަހާ ހަމަޔަށެވެ. މުބާރާތް ކުރިއަށް ދާނީ ނޫރާނީ ސްކޫލްގަ އެވެ.

މި މުބާރާތުގައި އައްޑޫގެ 11 ސްކޫލަކުން ބައިވެރިވާ އިރު، ޖުމްލަ 212 ކުދިން މުބާރާތުގައި ވާދަ ކުރެ އެވެ.

މުބާރާތް އަމާޒުކުރެވިފައި ވަނީ އުމުރުން 7، 9، 11، 13، 16 އަދި 21 އަހަރުން ދަށުގެ އުމުރުފުރާތަކަށެވެ.

ކޮންމެ އުމުރުފުރާއަކުން ވެސް ސްކޫލުތަކަށް ބައިވެރި ކުރީ 8 ދަރިވަރުންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން އަންހެން ދެ ދަރިވަރުންނާއި ފިރިހެން ދެ ދަރިވަރުން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން އަންހެން ދެ ދަރިވަރުންނާއި ފިރިހެން ދެ ދަރިވަރުންނެވެ.

އައްޑޫ ޤުރުއާން މުބާރާތުގައި ބައިވެރިވާ ކުދިންގެ ތެރެއިން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފިން އަންހެން ފިރިހެން ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މުޅި މުބާރާތުން އަންހެން ފިރިހެން ވަކިން އެއްވަނަ، ދެވަނަ، ތިންވަނައަށްދާ ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ތެރެއިން ރަން މެޑަލް އަދި ރިހި މެޑަލް ހާސިލުކުރާ ސްކޫލުތައް ހޮވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

އައްޑޫ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަހަރަކު އެއް ފަހަރުއެވެ. މުބާރާތުގައި ބައިވެރިވެވޭނީ އައްޑޫގެ ސްކޫލުތަކަށެވެ.