Last Updated: April 25, 20:04
Thursday, April 25, 2024
ރިޕޯޓް

އައްޑޫ މެރެތަން: ހުރިހާ ގޮތަކުން ވެސް ތަފާތު

އައިރަނާސް އިން އައްޑޫ ސިޓީގައި 2017 ވަނަ އަހަރު ފުރަތަމަ ފަހަރަށް މެރެތަން އެއް ބޭއްވިއެވެ.

ތާރީހީ މިއިވެންޓް ވެގެންދިޔައީ ގިނަ ބަޔަކަށް އައްޑޫ ސިޓީއަކީ މެރެތަންއަކަށް އެންމެ އެކަށީގެންވާ އަދި މި ސަރަހައްދުގައި ވެސް ރޭހަކުން ފެންނާނެ އެންމެ ހިތްގައިމު އަދި އެންމެ އަވަސް ރޫޓު ކަން އެނގިގެން ގޮސްފައެވެ. މިއާއިއެކު އައްޑޫ ސިޓީގައި އަންނަނީ ތަފާތު ނަން ނަމުގައި އިވެންޓްތައް ބާއްވަމުންނެވެ.

އަނެއްކާވެސް 4 ދުވަސް ފަހުން އަންނަ ހުކުރު ދުވަހު ބާއްވާ އައްޑޫ މެރެތަން 2018 ވެގެންދާނީ ހުރިހާ ގޮތަކުންވެސް ވަރަށް ތަފާތު އަދި ހާއްސަ އިވެންޓަކަށެވެ. މީގެ ތެރެއިން އެންމެ ތަފާތު އެއްކަމަކީ މިއަހަރުގެ ތީމް އެވެ. މުޅި އިވެންޓްގެ ހުރިހާ ދިމާލަކުންވެސް ދިވެހިންގެ ސަގާފަތާއި ކުރީގެ އާދަ ކާދަތައް ދައްކުވައިދޭނެއެވެ.

މީގެ އިތުރުން ރޭހުގެ ބައިވެރިންނާއި، ޓީޝާޓް، މެޑަލް، ރޭހުގެ ރޫޓް އަދިވެސް އެހެނިހެން ތަފާތު ކަންތައްތައް ފެނިގެންދާނެއެވެ.

"ފިނިޝާ މެޑަލް"

މިފަހަރު އައްޑޫ މެރެތަންގެ މެޑަލް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ރޭހެއްގައި ދުވުންތެރިންނަށް ލިބިގެންދާނެ އެންމެ ތަފާތު އަދި އެންމެ ރީތި މެޑަލެށެވެ. މެޑަލް ޑިޒައިން ކޮށްފައިވަނީ ވަރަށްވެސް ދިވެހިވަންތަ ގޮތަކަށެވެ.

ރޭސް ނިންމުމަށްފައި ކަރުގައި މިމެޑަލް އަޅައިލަން ލިބުން އަދި ރޭހުގެ ހަނދާނަކަށް ބާއްވަން މިމެޑަލް ލިބުމަކީ ދުވުންތެރިންނަށް ލިބިގެންދާނެ އިތުރު ހިއްވަރަކާއި ހިތްހަމަޖެހުމަކަށް ވެގެންދާނެކަން ޔަގީނެވެ.

ރޭހުގެ ރޫޓް

ދުނިޔޭގެ އެހެންގައުމުތަކުގައި ބާއްވާ މެރެތަން ރޭސްތަކާއި ރާއްޖޭގައި ބާއްވާ ރޭސްތަކުގެ ރޫޓާއި އަޅާބަލާއިރު އައްޑޫ މެރެތަންގެ ރޫޓް ވަރަށް ތަފާތެވެ. ރާއްޖެއަކީ ބިންގަނޑު ހަމަ ގައުމަކަށްވެފައި، ދުނިޔޭގެ އެހެން ގައުމުތަކުގައި ދުވެފައިވާ ދުވުންތެރިންނަށް މިރޫޓު ވެގެންދާނީ ފަސޭހަ އަދި ތަފާތު ރޫޓަކަށެވެ.

އަދި މިއީ ރާއެޖެއިން ފުލް މެރެތަން އަކަށް ނެގޭނެ އެންމެ ދިގު ރޫޓެވެ. ދުވުން ތެރިން ދުވަމުންދާއިރު މެދުކެނޑުމެއްނެތި އައްޑޫގެ ފެހިކަމާއި، ގޮނޑުދޮއްތަކާއި ނޫވިލު ފެންނަމުންދާނެއްވެ.

"ރަނިންގް އެމްބެސެޑަރުން"

އައްޑޫ މެރެތަންގައި ދެން ފެނިގެންދާނެ އެން ހާއްސަ ކަމަކީ ދުވުމުގައި ބައިވެރިވާ ރަނިންގް އެމްބެސެޑަރުންނެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ރާއްޖޭގެ ދިގުދުވުމުގެ ދާއިރާގައި އިންގިލާބެއް ގެނައި މަރިޔަމް އަބްދުލް ހަކީމެވެ.

ފިޓްނަސް އިންސްޓްރަކްޓަރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މަރީވަނީ ދުވުމުގެ ކެރިއަރުގެ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ރޭއްޖޭގެ އަންހެނުންގެ ދިގު ދުވުމުގެ ރޭކޯޑްތައް ހަދާފައެވެ. އޭގެ ތެރޭގައި ފުލް މެރެތަން، 20 ކިލޯމީޓަރ، 10 ކިލޯމީޓަރ އަދި 5ކިލޯމީޓަރ ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އަޔަން މެން އަދި އަލްޓްރަރ މެރަތަނަރ އާތިފް އަހްމަދު ވެސް މިދުވުމުގައި ބައިވެރިވާނެއެވެ. އާތިފް އަޙްމަދަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 24 ގަޑިއިރު މާލެ ވާށާ ދުވެ ތާރީހުން ޖާގަ ހޯދާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އައްޑޫ މެރެތަން 2017 ކާމިޔާބުކޮށްފައިވަނީ ވެސް އާތިފް ކަން ފާހަގަ ކޮށްލަންޖެހެއެވެ.

އައްޑޫ މެރެތަންއިން ދެން ފެނިގެންދާ އެންމެ ހާއްސަ ދުވުންތެރިއަކީ މައިކަލް ވާޑިއަން އެވެ. މައިކަލް ވާޑިއަން އަކީ ހަތް ދުވަހުގެ ތެރޭގައި ދުނިޔޭގެ ހަތް ބައްރުގައި ހަތް މެރެތަން ދުވެ "ވޯލްޑް މެރެތަން ޗެލެންޖް 2017" ކާމިޔާބުކޮށްފައިވާ ދުވުންތެރިއެކެވެ.

އެހެންކަމުން މައިކަލް ވާޑިއަން ވެގެންދާނީ ރާއްޖޭގައި ދުވުމެއްގައި ދުވާ މިފެންވަރުގެ ފުރަތަމަ ދުވުންތެރިއާއަށެވެ. މީގެ އިތުރުން އައްޑޫ މެރެތަންގައި ދުވުމުށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ މެރެތަން ދުވުންތެރިންނަށް ވެސް މައިކަލް ވާޑިއަން އާއި ވާދަކޮށްލުމުގެ ފުރުސަތު ލިބުން ވެގެންދަނީ ތަފާތު އަދި އިތުރު ޗެލެންޖަކަށެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ދުވުމުގެ ދާއިރާގައި މަޝްހޫރު ގިނަ ދުވުންތެރިން ހުކުރު ދުވަހުގެ އިވެންޓުގައި ބައިވެރިވާނެއެވެ.

ރާއްޖޭގެ ހަމައެކަނި ޑެސްޓިނޭޝަން މެރެތަން

 

ޑެސްޓިނޭޝަން މެރެތަންތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވަކި ގައުމަކަށް ނުވަތަ ސިޓީއަކަށް އަމާޒުކޮށް ނަން ދީގެން ބާއްވަމުން އަންނަ ރޭސް ތަކެކެވެ. މިގޮތުން އައްޑޫ މެރެތެން އަކީ މިގޮތަށް ރާއްޖޭގައި ބޭއްވޭ ހަމައެކަނި މެރެތަން އިވެންޓެވެ.

އައިރަނާސްއިން މައުލޫމާތުދޭ ގޮތުގައި އެބޭފުޅުންގެ އަމާޒަކީ ކައިރި މުސްތަގުބަލެއްގައި އައްޑޫ މެރެތަންއަކީ އޭޝިއާ ސަރަހައްދުގެ އެންމެ ކާމިޔާބު ޑެސްޓިނޭޝަން މެރެތަންއަށް ހެދުމެވެ. އަދި އައްޑޫ މެރެތަން ޕްރޮމޯޓް ކުރަމުން އަންނީވެސް މުޅި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް ކަމަށް އައިރަނާސް އިން މައުލޫމާތުދެއެވެ.

ހަމައެކަނި ދުވުމުގެ އިވެންޓެއް ނޫން

 

އައިރަނާސް އިން މައުލޫމާތުދޭ ގޮތުގައި މިއީ ހަމައެކަނި ދުވުމުގެ އިވެންޓެއް ނޫނެވެ. މިހާތަނަށް މިއިވެންޓްގައި އައްޑޫ ސިޓީއިން ބޭރުން 100 އަށްވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ. އަދި 20 އަށްވުރެ ގިނަ ބޭރުގެ ދުވުންތެރިން ބައިވެރިވެއެވެ.

މިދުވުންތެރިންނަކީ ހަމައެކަނި ދުވެލަން އަންނަ ބައެއް ނޫން ކަމަށާއި ގިނަ ދުވުންތެރިންގެ މަގްސަދަކީ ރާއްޖޭގެ ރީތިކަން ދެކިލުމާއި ރާއްޖޭގެ ސަގާފަތާއި ކުރީގެ އާދަތައް ދެކެ ތަޖުރިބާ ކޮށްލުން ކަމަށް އައިރަނާސް އިން މައުލޫމާތުދެއެވެ.

މިއިވެންޓްގެ ސަބަބުން އައްޑޫ ސިޓީގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކަށާއި ރެސްޓޯރެންޓް އަދި އެހެނިހެން ވިޔަފާރިތަކަށް ރަނގަޅު މަންފާއެއެއް ލިބިގެންދާނެކަން ޔަގީނެވެ. އައިރަނާސްގެ މަގްސަދަކީ މިއިވެންޓް ސަބަބުން އައްޑޫ ސިޓީގެ ފަތުރުވެރިކަމަށާއި ވިޔަފާރިތަކަށް އިތުރު މާކެޓް ލިބި ފުޅާވެގެން ދިއުމެވެ.