Last Updated: June 10, 20:48
Wednesday, June 10, 2026
ޓެކްނޮލޮޖީ

ޓެކްނޮލޮޖީގެ ބޭނުން ރަނގަޅަށް ހިފަން ޖެހޭ: ރައީސް

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުށްޓަކައި ލިބެން ހުރި ޓެކްނޮލޮޖީތަކުގެ ބޭނުން، ރަނގަޅު ގޮތުގައި ބޭނުން ކުރުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ޓެލެކޮމިއުނިކޭޝަނާއި އިންފޮމޭޝަން ސޮސައިޓީ ދުވަސް ފާހަގަކު ރުމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ޓޭމް) އޮން އިންތިޒާމް ކުރައްވައިގެން މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި "ކަނެކްޓް 2013-ޓެލެކޮމް އެންޑް އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެކްސްޕޯ" އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވާހަކަފުޅުގައި، އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކީ ކިތަންމެ ބާރު ސްޕީޑެއްގައި، ބަދަލުވެގެން ފުޅާވެގެންދާ ދާއިރާއެއް ކަމުގައި ވިޔަސް، ލިބެންހުރި ޓެކްނޮލޮޖީތަކުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުން ނުކުރެވޭކަމުން، ދޭހަވެގެން ދަނީ ޓެކްނޮލޮޖީއެއް އޮތަކަސް އަދި އަޅުގަނޑުމެންނަކަށް ކުރިއެރުމެއް ނުލިބޭނެކަން ކަމުގައި ވިދާޅުވި އެވެ. އަދި ކުރި އަރާނީ، އެކަމުގެ ބޭނުން ހިފުމުގެ ޚިޔާލެއް އޮވެ، އެކަމުގެ ބޭނުންތެރި ކަމެއް ބަޔަކަށް ވިސްނިގެން، އެކަމަށްޓަކައި މަސައްކަތްތަކެއް ކޮށްގެން ކަމުގައި ރައީސް ވިދާޅުވި އެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާ އަދި ބޭންކިންގެ ދާއިރާގެ ޚދުމަތްތައް ވެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން، އޭގެ ފައިދާ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ އަށް ހޯދައި ދެވޭނެ ކަމުގައި ފާހަގަ ކުރައްވަމުން، އެފަދަ ގޮތަކަށް ވިސްނައި ޚިޔާލު ކުރަން ވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މި ދާއިރާއަކީ ރާއްޖޭގައި މިހާރު ކުރިއަރަމުންދާ އެކިއެކި ދާއިރާތަކަށް ބަލާއިރުގައި، ހުރިހާ ދާއިރާތަކާވެސް ގުޅިފައިވާ ދާއިރާއެއް ކަމުގައި ފާހަގަކުރައްވަމުން، މިރޮނގުން ތަފާތު ވަކްޝޮޕްތަކާއި، ކޮންފަރެންސްތަކާއި، ބައްދަލުވުންތައް ރާއްޖޭގައި ބާއްވައި، މި ދާއިރާ ތަރައްޤީ ކުރެއްވުމަށްޓަކައި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.