އެމްޑީޕީއާ އެކު ތިބި ބަޔަކާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށާއި އެއީ ވަކި ޕާޓީއަކާ އެކު ކޯލިޝަން ހަދައިގެންވާ ކަމެއް ނޫން ކަމަށް އެމްޑީޕީ އިމް ބުނެފި އެވެ.
މިއަދު ހަވީރު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް އެމްޑީޕީ ހިމެނޭ ކޯލިޝަނަށް ވުރެ ރަނގަޅު ގޮތެއް ފެނިގެން ވަޑައިގަތުމަކީ އެމްޑީޕީގެ އަށް މައްސަލައެއް ނޫން ކަމަށެވެ. ހަސަން ލަތީފު ވިދާޅުވީ ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމަށް އެމްޑީޕީއާއެކު މަސައްކަތް ކުރަން ތިބި ބަޔަކާ އެކު އެޕާޓީން ކުރިއަށްދާން ކަމަށެވެ.
މީގެ އިތުރުން ކޯލިޝަނެއް ގޮތަށް އޮއްވައި ޤާސިމް އިބްރާހިމް ޚިޔާލީ ކެބިނެޓެއް އިއުލާން ކުރެއްވުމަކީ ކުރެއްވި ނުރަނގަޅު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީން ސަރުކާރު އެކުލަވާލުމުގައި ގެންގުޅޭ ވިސްނުން މިހާރު ހާމަކޮށްފި ނަމަ އެކުރެވުނީ ޖުމްހޫރީ ޕާޓީން ކުރި ފަދަ ނުރަނގަޅު ކަމެއް ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީއަކީ އެއް ޕާޓީއެއްގެ ގޮތުން ބޮޑު ޕާޓީއެއް ކަމަށާއި އެ ބޮޑު ޕާޓީން ކެނޑިޑޭޓަކު ދެއްކުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުން ވޯޓުލަނީ ރައްޔިތުންނަށް ރަނގަޅު ގޮތްތަކަކަށް ކަން ނިމިގެން ދިޔަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި 362 ކެނޑިޑޭޓުން ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމުން އެނގިއްޖެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހަސަން ލަތީފު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ހުށައެޅުމަށް އެ ޕާޓީން ތައްޔާރުކުރާ މެނިފެސްޓޯ މި މަހު ބާއްވާ ކޮންގްރެސްގައި ލޯންޗް ކުރާނެ ކަމަށެވެ.