Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ވޯޓާސް ލިސްޓަށް 1،700 އަށް ވުރެ ގިނަ ޝަކުވާ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން - ފޮޓޯ: މޯލްޑިވްސްޓައިމްސް

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ ފަރާތްތަކުގެ ލިސްޓް މި މަހުގެ 10 ވަނަ ދުވަހު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިއްޔެ އަށް ހަމަވީއިރު، އެލިސްޓާއި ގުޅިގެން 1700 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިކަން ހާމަކޮށްފައި ވަނީ މިއަދު މެންދުރުފަހު ކުރި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އިލެކްޝަންސް ކޮމިޝަން އިން ބުނެފައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަނޑި ހަމަވިއިރު 1778 ޝަކުވާ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

"އަދި މީގެތެރޭ މައިގަނޑު ގޮތެއްގައި ހުރީ މަރުވެފައިވާ މީހުންނާއި 18 އަހަރުން ދަށުގެ ކުދިންގެ ނަން ވޯޓާސް ލިސްޓްގައި ހިމެނިފައިވާ ކަމުގެ ޝަކުވާ"، އެ ޓްވީޓްގައި ވެއެވެ.

އީސީއަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި އެމްޑީޕީގެ ފަރާތުން ހުށަހެޅި ގިނަ ޝަކުވާ ހިމެނޭއިރު އެލިސްޓާއި ގުޅިގެން އެޕާޓީއަށް ފާހަގަވި 860 މައްސަލައެއް އިއްޔެ މެންދުރު 1:00 ގައި އީސީއަށް ހުށަހަޅާފައިވާކަމަށް އެޕާޓީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒް ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އުމުރުން 18 ނުފުރޭ ކުދިންގެ ނަން ވޯޓާސް ލިސްޓުގައި ހުރި 711 މައްސަލައަކާއި މަރުވެފައިވާ މީހުންގެ 108 މައްސަލައެއްގެ އިތުރުން ތަކުރާރުކޮށް ނަން އޮތް 38 މީހެއްގެ މައްސަލައަކާއި ވޯޓު ލިސްޓުގައި އެޑްރެސް ދިމާނުވާ ތިން މީހެއްގެ މައްސަލަ ހިމެނެއެވެ.

ވޯޓާސް ލިސްޓަށް ހުށަހެޅުނު ޝަކުވާތައް ހައްލުކުރުުމަށްފަހު، ޖުލައި 1 ގައި އާ ލިސްޓެއް އާންމުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ވަނީ ކުރިން ބުނެފައެވެ.

އީސީގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ އިސްލާހުކޮށްފައި އާންމުކުރާ ލިސްޓުގައި ކުރިން ހުށަހެޅި މައްސަލައެއް ހައްލު ނުވެ އޮތް ނަމަ އެ މައްސަލަތައް ހައްލުކުރުމަށް ޝަކުވާ ހުށަހެޅުމަށް އަނެއްކާވެސް 12 ދުވަހުގެ މުއްދަތެއް ދެއްވާނެ ކަމަށާއި ޖުލައި 12 ގެ ފަހުން ހުށަހަޅާ އެއްވެސް މައްސަލައެއް ބަލައި ނުގަންނަވާނެ ކަމަށެވެ.