ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ލަޤަބް ލިބިފައިވާ އަލީ އަޝްފާގު (ދަގަނޑޭ) އާ އެކު ހަދާފައިވާ އެއްބަސްވުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އުވާލައިފިއެވެ.
ނިއު ރޭޑިއަންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި އެ ކްލަބުން ދަގަނޑޭ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ ދެ ފަރާތުން އެއްބަސްވެގެން ކަމަށާއި އެ ޓީމަށް އޭނާ ކޮށްދިން ކަންކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
We have decided to part ways with Ali Ashfaq on mutual consent and would like to thank him for the services to the club.
— New Radiant SC (@nrsc_mv) June 21, 2018
ދަގަނޑޭއާ އެކު ހަދާފައިވާ އެއްބަސްވުން ނިއުއިން އުވާލިއިރު ދަގަނޑޭ ވަނީ އޭނާގެ މުސާރައިގެ މައްސަލަތަކެއް އުޅޭތީ ކޮންޓްރެކްޓް ބާތިލުކޮށްދޭން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުށަހަޅާފައެވެ. ނަމަވެސް އެރޭ މާލޭ ލީގް އެންމެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަޝްފާގް ކުޅުނެވެ. އަދި ޓީމުގެ ކެޕްޓަން ގެ ހައިސިއްޔަތުން މާލޭ ލީގް ޗެމްޕިއަންޝީލްޑް ނިއު އަށް އުފުލާލަދިނީވެސް އަޝްފާގް އެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް އަދި މިއަހަރުގެ މާލޭ ލީގު ނިއުއިން ކާމިޔާބުކުރި އިރު ދަގަނޑޭ މޮޅު ކުޅުމެއް ދެއްކިއެވެ.
ކްލަބް ވެލެންސިއާ ދޫކޮށްލުމަށް ފަހު ދަގަނޑޭ އެންމެ ފުރަތަމަ ނިއު ރޭޑިއަންޓާ ގުޅުނީ 2006 ވަނަ އަހަރުއެވެ. އެ އަހަރު އޭނާގެ މޮޅު ކުޅުމާ އެކު ނިއު އިން އެފްއޭކަޕާއި ދިވެހި ޕުރިމިއާ ލީގު ކާމިޔާބުކުރިއެވެ. އަދި ޖެހިގެން އައި އަހަރު ޕްރެޒިޑެންޓްސް ކަޕާއި އެފްއޭކަޕް ނިއުއަށް ކާމިޔާބުކޮށްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ.
ދަގަނޑޭއަކީ ނިއުގެ އެންމެ ކާމިޔާބު ސީޒަންތަކުގައި އެޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ. އެގޮތުން އޭނާގެ ކެޕްޓަން ކަމުގެ ދަށުން އެ ކްލަބު 2012 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކުރިއިރު، 2013 ވަނަ އަހަރުގެ ސީޒަންގެ ހުރިހާ ތައްޓެއް 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާ އެކު ނިއު އިން ކާމިޔާބުކުރުމުގައި ދަގަނޑޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.