ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) ވަނީ ކޮމިއުނިސްޓް، ޚުދުމުހުތާރު އުސޫލުތަކަށް ބައްޓަންކޮށްފައި ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވި ގޮތުގައި، ޕީޕީއެމް ފޭރިގަތުމަށް ފަހު ރަމްޒީ މަގާމެއްގައި ހުރި ބޭފުޅެއްގެ އަތްމައްޗަށް ހުރިހާ ބާރުތަކެއް ވަނީ ނަންގަވާފައި ކަމަށެވެ.
ޕީޕީއެމްގެ ކަންތައް ކޮމިއުނިސްޓް، ޚުދުމުހުތާރު އުސޫލުތަކަށް ބައްޓަން ކޮށްފައިވާ ކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ، އެ ޕާޓީގެ އާއްމު މެންބަރުންނާއި ހިސާބަށް ކަންކަން ގެންދަން ނުކެރޭ ކަމަށެވެ. އަދި ޕީޕީއެމްގެ ލީޑާޝިޕާއި މެންބަރުންނާއި އެއްވެސް ގުޅުމެއް ނޯންނަ ކަމަށެވެ.
މީގެ އިތުރުން ޝިފާޒު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ލީޑާޝިޕަށް އާއްމު މެންބަރުންނާއި ހަމައަށް ވަޑައިގަންނަވަން ކެރިވަޑައި ނުގަންނަވާ ކަމަށެވެ.