Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

މީޑިއާ ނެޓް 52،000ރ. އިން ޖޫރިމަނާކޮށްފި

މީޑިއާނެޓް މާލެ - ފޮޓޯ: މިހާރު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ މީޑިއާނެޓުން 52،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

މީޑިއާނެޓް ޖޫރިމަނާ ކޮށްފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ފާސްކޮށްދީފައިވާ ޕެކޭޖާ ޚިލާފަށް ޕެކޭޖަކަށް ބަދަލު ގެނެސްގެން ހިދުމަތްދީފައިވާތީ އެވެ.

އެގޮތުން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނާ ގޮތުގައި އެ ކޮމިޝަނުން 29 މެއި 2016 ގައި ފާސްކޮށްދީފައިވާ “މީޑިއާ ނެޓް ހިޓްސް ޕެކޭޖް” ގައި ހިމެނޭ އަސާސީ ޕެކޭޖަށް ތިން ފަހަރެއްގެ މަތިން މީޑީއާ ނެޓުން ބަދަލު ގެނެސްފައިވާކަން އެ ކޮމިޝަނުގެ ތަހުޤީޤަށް ސާބިތުވެފައިވާތީވެ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ މީޑިއާ ނެޓުން ޚިލާފުވެފައިވާތީ، ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލުގެނެސްފައިވާ ކޮންމެ ފަހަރަކަށް 2,000ރ. ގެ މަގުން ޖުމްލަ 6,000ރ. އިން މީޑިއާ ނެޓުން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެ ކުންފުނިން ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިފައިނުވާ 23 ޗެނަލް ހިމަނައިގެން "މީޑީއާ ނެޓް ހިޓްސް ޕެކޭޖް" ގެ ހިދުމަތް ދީފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ. މަގުން 23 ޗެނަލަށް، ޖުމްލަ 46,000ރ. އިން މީޑިއާނެޓް ޖުރިމަނާކޮށް، ޖޫރިމަނާ ފައިސާއަށްވާ 52,000ރ. މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށް ވަނީ އަންގައިފަ އެވެ.