Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އަނެއްކާ ވެސް މަގު ހަދަން ގައިދީންތަކެއް ނެރެނީ

ގައިދީން މަސައްކަތަށް ނެރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ސޮއިކުރައްވަނީ - ފޮޓޯ: ވީނިއުސް

މާލެ- ހުޅުލެ ބްރިޖާ ގުޅުވައިގެން ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތަށް 140 ގައިދީން ނެރެން ހައުސިން މިނިސްޓްރީން ކަރެކްޝަނަލް ސާވިސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މާލޭ އަހުލުވެރި މަރުކަޒުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި ކަރެކްޝަނަލް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ގައިދީންނަށް އެނބުރި މުޖުމަތައަށް ނުކުމެވޭނެ ގޮތެއް ހޯދައިދީ ވަޒީފާގެ ފުރުސަތު ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި މި އެއްބަސްވުމުގެ ސަބަބުން އެކަމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ބޮޑުތަކުރުފާނުމަގު ހެދުމުގެ މަސައްކަތަށް 140 އަށްވުރެ ގިނަ ގައިދީން ނުކުންނާނެ ކަމަށާއި، ގައިދީން މިކަމަށް ނުކުތުމަކީ މުއްދަތަށް މަސައްކަތް ނިންމުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ބްރިޖުގެ މަސައްކަތަށްވުރެ ކުރިން ބޮޑުތަކުރުފާނުމަގު ނިންމަންޖެހޭ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާން ވިދާޅުވީ މިއެއްބަސްވުމުގެ ބޭނުމަކީ ގައިދީންނަށް އާމްދަނީއެއް ލިބުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި މިމަސައްކަތުގައި ފެށޭ މުސާރައެއްގެ ގޮތުގައި ގައިދީއަކަށް ދުވާލަކަށް 80 ރުފިޔާ ލިބޭނެ ކަމަށެވެ.

އަދި މިފަދަ އަހުލުވެރި ޕްރޮގްރާމްތަކުގައި ކުރާ މަސައްކަތަށް ލިބޭ އާމްދަނީ ޖަލުގައި ކުރާ މަސައްކަތަށް ލިބޭ އާމްދަނީ އަށްވުރެ 33 ޕަސެންޓު އިތުރުވާނެ ކަަމަށްވެސް އޭނާ ވިދާޅުވި އެވެ. މިފަދަ މަސައްކަތްތަކަށް ގައިދީން ނެރުމުގައި ބަލަނީ އަޚުލާގާއި މަސައްކަތަށް ބަހައްޓާ ޝައުގަށް ކަމަށާއި މަރުގެ ހުކުމް އައިސްހުރި ގައިދީއެއް ނޫންނަމަ މަސައްކަތުގައި ބައިވެރިކުރާނެ ކަަމަށް ވެސް ޝިހާން ވިދާޅުވި އެވެ.

މީޣެ އިތުރުން ޝިހާން ވިދާޅުވީ ގައިދީން މަސައްކަތަށް ނެރުމުގައި ގައިދީންނާއި މުޖުތަމައުގެ ސަލާމަތަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.

މާލެއާއި ހުޅުލެއާ ދޭތެރޭ އަޅާ ބްރިޖާ ގުޅުވައިގެން ކުރިއަށް ގެންދާ މާލޭ ރިންގް ރޯޑް މަޝްރޫއުގެ މަސައްކަތަށް މިމަހުގެ ކުރީކޮޅު ވަނީ 20 އަކަށް ގައިދީން ނެރެފައެވެ.

މި މަޝްރޫއުގެ ދަށުން މެރީބްރައުން ރެސްޓޯރަންޓާ ހިސާބުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނުމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުމަގު ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.