Last Updated: April 24, 23:11
Thursday, April 25, 2024
ކުޅިވަރު

މެސީ ރިޓަޔަ ކުރި ނަމަވެސް ހައިރާނެއް ނުވާނެ: ޒަބަލެޓާ

ފީފާ ވޯލްޑްކަޕްގައި ރޭ ކްރޮއޭޝިޔާ އަތުން ބަލިވެ މުބާރާތުން ކެޓުމުގެ ބިރު ބޮޑުވެފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދެވަނަ ފަހަރަށް ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރ ކޮށްފާނެ ކަމަށް ޕަބްލޯ ޒަބަލެޓާ ބުނެފިއެވެ.

އާޖެންޓީނާގެ ޤައުމީ ޓީމަށް މެސީ އާއި އެކު ކުރިން ކުޅެފައިވާ ޒަބަލެޓާ ބުނި ގޮތުގައި ދެވަނަ ފަހަރަށް މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރ ކުރި ނަމަވެސް އޭނާ ހައިރާނެއް ނުވާނެއެވެ.

ޒަބަލެޓާ ބުނެފައިވަނީ މިފަހަރުގެ ވޯލްޑްކަޕަކީ އާޖެންޓީނާ އާއި އެކު ކާމިޔާބެއް ހޯދަން މެސީއަށް ލިބުނު އެންމެ ފަހު ފުރުސަތު ކަމަށެވެ. އަދި މެސީ އާއި މެދު ކަންތައް މިވީ ގޮތުން ވަރަށް ދެރަވާ ކަމަށް ވެސް ޒަބަލެޓާ ވަނީ ބުނެފައެވެ.

"މެސީ ހުންނާނީ ވަރަށް ދެރަވެފައި. ޤަތަރުގައި އޮންނަ ވޯލްޑްކަޕަށް އަދި ހަތަރު އަހަރު އެބައޮތް" ޒަބަލެޓާ ބުންޏެވެ.

ރޭގެ މެޗުގައި އާޖެންޓީނާގެ ފަރާތުން ފެނުނު ދަށް ކުޅުމާއި ބެހޭގޮތުން ޒަބަލެޓާ ބުނެފައިވަނީ، އާޖެންޓީނާގެ ފަރާތުން މިހާ ދަށް ކުޅުމެއް ދުވަހަކު ވެސް ނުދެކޭ ކަމަށެވެ.

މެންޗަސްޓާ ސިޓީ އާއި އެކު ވެސް ކާމިޔާބީތައް ހޯދާފައިވާ ޑިފެންޑަރު ބުނި ގޮތުގައި އާޖެންޓީނާގެ ކުޅުންތެރިން ކުޅެނީ ބޮޑެތި ކްލަބްތަކަށް މިއަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅު ކުރެވެން ޖެހޭނެ ކަމަށެވެ.