Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

އާޖެންޓީނާއަށްޓަކައި އައިސްލޭންޑް ބަލިކުރާނަން: މޮޑްރިޗް

ފީފާ ވޯލްޑްކަޕްގެ ގްރޫޕް ޑީގެ ފަހު މެޗްގައި އައިސްލޭންޑާއި ދެކޮޅަށް ކުޅޭ މެޗުގައި އާޖެންޓީނާއަށް ޓަކައި އައިސްލޭންޑް ބަލިކުރާނެ ކަމަށް ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނެފިއެވެ.

ރޭ ކްރޮއޭޝިޔާ އަތުން ބަލިވެ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރެއް މިހާރު އާޖެންޓީނާ އަކަށް ނެތެވެ. އެ ޓީމަށް ފުރުސަތު އޮތީ މިރޭ ނައިޖީރިޔާ އާއި އައިސްލޭންޑް ބައްދަލުކުރާމެޗުން ދެޓީމު އެއްވަރުވެ މިގްރޫޕްގެ ފަހު މެޗުގައި ނައިޖީރިޔާ އާއި ދެކޮޅަށް ކުޅޭ މެޗުން އާޖެންޓިނާ މޮޅުވެ، ހަމަ އެދުވަހުކުޅޭ އަނެއްމެޗުން ކްރޮއޭޝިޔާ އަތުން އައިސްލޭންޑް ބަލިވެއްޖެ ނަމައެވެ.

"އަހަރެން އާޖެންޓީނާއަށް ރަގަޅު ގޮތް ވުމަށް އެދެން. އާޖެންޓީނާއަށް ޓަކައި އަހަރުމެން އައިސްލޭންޑް ބަލިކުރާނަން." މޮޑްރިޗް ބުންޏެވެ.

ރެއާލް މެޑްރިޑަށް ކުޅޭ މޮޑްރިޗް މިހެން ބުންޏަސް، ކްރޮއޭޝިޔާގެ ކޯޗު ވަނީ ގްރޫޕްގެ ފަހު މެޗްގައި އައިސްލޭންޑާއި ދެކޮޅަށް ނިކުންނައިރު ކުޅުންތެރިންނަށް އަރާމު ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ.

މިގްރޫޕުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އައިސްލޭންޑް އާއި ނައިޖީރިޔާ އެވެ. މިމެޗު ފަށާނީ މާލޭގަޑިން ރޭގަނޑު 8 ޖަހާއިރުއެވެ.