ޖުމްހޫރީ ޕާޓީ(ޖޭޕީ) ގެ ތިން ވަނަ ކޮންގްރެސްގެ ނުރަސްމީ ބައްދަލުވުންތައް ރޭ ފަށައިފި އެވެ.
މި ބައްދަލުވުންތައް ކުރިޔަށް ގެންދަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައެެވެ.
ޖޭޕީގެ ކޮންގްރެސް މި ބާއްވަނީ ހަތަރު އަހަރު ފަހުންނެވެ. ކޮންގްރެސްގެ ރަސްމީ ބައްދަލުވުންތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. މި ކޮންގްރެސްގައި ގާތްގަނޑަކަށް 400 މީހުން ބައިވެރިވާ ކަމަށް މައުލޫމާތު ލިބެއެެވެ.
ޖަރުމަނުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ގާސިމް އިބްރާހީމް ރޭ ވީޑިއޯ މެދުވެރިކޮށް ކޮންގްރެސްގެ ބައިވެރިންނާ ވަނީ ވާހަކަ ދައްކަވާފައެވެ. މި ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޕާޓީގެ ކުރިމަގަށް މުހިއްމު ނިންމުންތަކެއް ނިންމާނެ ކަމަށް ޖުމްހޫރީވަނީ ބުނެފައެވެ.
ޖޭޕީގެ އެންމެ އިސް ބޭފުޅަކީ ޕާޓީގެ ލީޑަރު ކަމަށްވާއިރު އެ މަގާމަށް އެއްވެސް މީހަކު ކުރިމައްޗެއް ނުލަ އެވެ. އެ މަގާމުގައި މިހާރު ވެސް ހުންނެވި ގާސިމް ކުރިމަތި ނުލެއްވީ، ޖަލު ހުކުމެއް އިއްވާފައިވާ އެއްވެސް މީހަކު ބައިވެރިކޮށްގެން ކޮންގްރެސް ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާތީ އެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު އެކަންޏެވެ. ނައިބް ރައީސް ކަމަށް ކުރިމަތިލެއްވީ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމެވެ. އިންތިޚާބުކުރާ ހަތަރު ނައިބު ލީޑަރުންގެ މަގާމަށް ފަސް ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ. އެ މަގާމަށް ކުރިމަތި ލެއްވީ، މިހާރު ވެސް އެ މަގާމުގައި ތިއްބެވި ތިން ބޭފުޅުން ކަމަށްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ޑރ. ހުސެއިން ރަޝީދު ހަސަނާއި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) އެވެ.
އެ އިންތިހާބުގެ އިތުރުން ކުރިއަށް ގެންދާ ސެޝަންތަކުގައި އެ ޕާޓީ ޕްރޮމޯޓް ކުރުމާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ހާއްސަ ޓްރެއިނިން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.
ރިޔާސީ އިންތިޚާބަށް ޖޭޕީއިން ތައްޔާރުވަމުންދާ އިރު އެ ޕާޓީއިން ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެކުގައި ފެނިގެންދާނެ ކަމަށް ލަފާކުރެވުނު ގިނަ ފަރާތްތަކެއްގެ މެދުގައި ހިޔާލު ތަފާތުވުން ގިނަ ވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅުން ނިކުންނަވާނެ ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓުންނަކީ ކޮބައިތޯ މިއީ ވަރަށް ގިނަ ބަޔަކު ކުރަމުންދާނެ ސުވާލެކެވެ.