އެމްޑީޕީގެ ކައުންސިލަރުންނަކީ މިސަރުކާރުން ދައްކަފާނެ ބިރަކަށް ފަސް ޖެހޭނެ ބައެއް ނޫން ކަމަށާއި، ސަސްޕެންޑު ކުރި ހުރިހާ ކައުންސިލަރުން އެމްޑީޕީގެ ރިޔާސީ ކެމްޕޭނަށް ނިކުތުމަށް ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު، މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.
ނަޝީދު ވަނީ އިއްޔެ ސަސްޕެންޑު ކުރި ކައުންސިލަރުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ނުހައްގުން ސަސްޕެންޑު ކުރި ހުރިހާ ކައުންސިލަރެއްގެ ގެއްލުނު މުސާރަ، އެމްޑީޕީ ސަރުކާރުގައި އިޔާދަ ކޮށްދެއްވާނެ ކަމަށް ވައުދުވެފައެވެ.
އިއްޔެ ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ އއ. އުކުޅަހުގެ ކައުންސިލުގެ ރައީސްގެ އިތުރުން ބައެއް ރަށްތަކުގެ ކައުންސިލަރުން މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފައެވެ.
އުކުޅަހުގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަން ތައްޔާރުވަމުން އަންނައިރު ކައުންސިލަރުން ސަސްޕެންޑު ކޮށްފައިވަނީ އެމްޑީޕީން ރައީސް ނަޝީދު ބައިވެރިކޮށްގެން ބޭއްވި ޕްރައިމަރީ ބޭއްވުމުންނެވެ. ސިވިލް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުން އެދިގެން އެމްޑީޕީ ޕްރައިމަރީ ހުއްޓުވުމަށް ކޯޓު އަމުރެއް ނެރެދީފައެވެ.
ޚަބަރު ލިބޭ ގޮތުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ ކައުންސިލަރުން އަދިވެސް ސަސްޕެންޑު ކުރުމަށް އެލްޖީއޭއިން ވަނީ ނިންމާފައެވެ. މީގެ ކުރިންވެސް އައްޑޫ ސިޓީ ކައުންސިލްގެ ބައެއް ކައުންސިލަރުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ވަނީ ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރުމުންނާއި ބަޔާންތަކެއް ނެރުމުން ސަސްޕެންޑުކޮށްފައެވެ.