ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެންމެ ލަސްވެގެން ޖުލައި 10 ވަނަ ދުވަހާ ހަމަޔަށް އެއް ކެނޑިޑޭޓަކު ނެރެންޖެހޭނެ ކަމަށާއި އެ ތާރީހަށް އެކަން ނުވެއްޖެނަމަ ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ ޖޭޕީގެ ތިންވަނަ ކޮންގްރެސް ފެށުމުގެ ކުރިން، އެ ކޮންފެރެންސަށް ވަޑައިގެންނެވި ފަރާތްތަކާއި، ވީޑިއޯ ކޮންފެރެންސް މެދުވެރި ކުރައްވާ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެއް ކެންޑިޑޭޓަކު އިންތިޚާބަށް ނެރެވޭތޯ ގުޅިފައިވާ ފާޓީތަކުން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަކިން ކެމްޕެއިން ކުރައްވަމުން ގެންދިޔުމުގެ ސަބަބުން ޕާޓީތަކުގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. މިގޮތަށް ކަންތައް އޮތް މި ދަނޑިވަޅުގައި ގާސިމް އިބްރާހީމް މިވަނީ ޖުލައި 10 ގެ ކުރިން އެއް ކެންޑިޑޭޓަކު ނުނެރެވިއްޖެނަމަ ޖޭޕީ އިން ކެންޑިޑޭޓަރު ނެރޭނެ ކަމަށް އިއުލާން ކުރައްވާފައެވެ.
ގާސިމް މިގޮތަށް ވިދާޅުވިއިރު ޖުމުހޫރީ ޕާޓީއިން ކަންތައް ކުރީ ރަނގަޅަކަށް ނޫން ކަމަށާއި ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން ކަމަށް އެމްޑީޕީގެ ޗެއާފާސަން ހަސަން ލަތީފު ވަނީ މިއަދު ވިދާޅުވެފައެވެ.
ހިޔާލު ތަފާތުވެފައިވަނިކޮށް ގާސިމް ވަނީ "ޖުމްހޫރީ ކޯލިޝަން"ގެ ނަމުގައި އޭނާއަށް ފެނިވަޑައިގަންނަވާ ކެބިނެޓް އިއުލާން ކުރައްވާފަ އެވެ. އެ ކެބިނެޓްގައި އެމްޑީޕީގެ އެއްވެސް ބޭފުޅެއް ނުހިމެނެ އެވެ. އެމްޑީޕީގެ ޗެއާފާސަން ހަސަން ލަތީފު ވިދާޅުވީ ކޯލިޝަނެއް ގޮތަށް އޮއްވައި ގާސިމް އިބްރާހިމް ހިޔާލީ ކެބިނެޓެއް އިއުލާން ކުއްރެވުމަކީ ކުރެއްވި ނުރަނގަޅު ކަމެއް ކަމަށެވެ.
ތިން އަހަރު ދުވަހުގެ ހަލު ހުކުމެއް އިއްވާފައިވާ ގާސިމް ވިދާޅުވީ، ކޮންމެ ބޭފުޅަކު ޖުމްހޫރީޕާޓީގެ ލީޑަރު ނުވަތަ ރައީސް ކަމަށް ވަޑައިގަތަސް ރައްޔިތުން ބޮލާލާޖަހާފައި ވަޑައިނުގެންނެވޭނެ ކަމަށާއި ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއެކު ކަމަށެވެ.