ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލް މެމްބަރު ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ ކުރިމަތިލައްވައިފި އެވެ.
މިއީ ގާސިމްގެ އާއިލީ ބޭފުޅެއް ޕާޓީގެ އިސް މަގާމަކަށް ކުރިމަތިލެއްވި ފުރަތަމަ ފަހަރެވެ. ސިޔާސީ ހަރަކާތްތަކުގައި ނަހުލާ އިސްކޮށް ނޫޅުއްވި ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމްގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވި އެވެ. އަދި އެކި އެކި ޕާޓީގެ ބައްދަލުވުންތަކުގައި ގާސިމްގެ އަރިހުގައި ހުންނަވާ މަންޒަރު ކޮންމެވެސް ވަރަކަށް ފެނިފައިވެއެވެ.
ޖޭޕީގެ ކޮންްގްރެސް މިއަދު ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ފަށާފައެވެ.
ކައުންސިލް މެމްބަރު ކަމަށް ނަހުލާއާއެކު 22 ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. ޖޭޕީގެ ކައުންސިލަށް 15 މެމްބަރަކު އިންޚާބު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ޖޭޕީގެ ކޮންގްރެސްގައި 400 އެއްހާ މެންބަރުން ބައިވެރިވާއިރު، އިދިކޮޅު ޕާލިމެންޓްރީ ގުރޫޕްގެ އިސް ދެ ބޭފުޅުން ކަމަށްވާ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވަޑައިގަންނަވަ އެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއިދު ކުރައްވާ ބޭފުޅުން ވެސް ބައިވެރިވަޑައިގަންނަވަ އެވެ.
މި ކޮންގްރެސްގައި ޕާޓީގެ މުހިންމު މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޕާޓީގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ވަނީ ނިންމާފަ އެވެ. އެއީ އަލަށް އައްޔަންކުރާ ދެ މަގާމެވެ. ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ އަލީ ވަހީދު އެކަންޏެވެ.
އޭގެއިތުރުން ޑެޕިއުޓީ ލީޑަރު ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރާނެ އެވެ. އެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ. އޭގެ ތެރޭގައި މިހާރު ވެސް އެ މަގާމު އަދާކުރައްވާ ތިން ބޭފުޅުން ހިމެނެ އެވެ. އެއީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އާއި ޑރ. ހުސެއިން ރަޝީދު ހަސަނެވެ. މިހާރު ތިއްބެވި ޑެޕިއުޓީ ލީޑަރުންގެ ތެރެއިން ކުރިމަތިނުލައްވާ ވަނީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. އޭނާ ހުންނެވީ ހުކުމެއް ތަންފީޒުކުރައްވަން ޖަލުގަ އެވެ.
އޭގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އަބްދުﷲ އަމީން އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒެވެ.
ޖޭޕީގެ ތިންވަނަ ކޮންގްރެސް ފެށުމުގެ ކުރިން، އެ ކޮންފެރެންސަށް ވަޑައިގެންނެވި ފަރާތްތަކާއި، ވީޑިއޯ ކޮންފެރެންސް މެދުވެރި ކުރައްވާ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެންމެ ލަސްވެގެން ޖުލައި 15 ވަނަ ދުވަހާ ހަމަޔަށް އެއް ކެނޑިޑޭޓަކު ނެރެންޖެހޭނެ ކަމަށާއި އެ ތާރީހަށް އެކަން ނުވެއްޖެނަމަ ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރޭނެ ކަމަށް ވިދާޅުވެފައެވެ.