Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

"ފިނިފެންމާ މޯޅި އަރުވާލައިފި"

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ރައީސް ޔާމީންގެ ކެމްޕެއިންގައި ބަޔަކާއި ބައްދަލު ކުރުމުން އެމީހުން އެމަނިކުފާނު ލަދުގަންނަވާލުމުން އެކަމަށް ރައީސް މައުމޫން ފެކްޝަންގެ މެމްބަރު އާމިނަތު ނާދިރާ ހަޖޫ ޖައްސަވައިފިއެވެ.

ރައީސް ޔާމީނަކީ ފިނިފެންމަލެއް ކަމަށް ސިފަ ކުރައްވައި ވާހަކަފުޅު ދެއްކެވި ސައީދުގެ އެވީޑިއޯ ޓްވިޓާގައި ހިއްސާ ކުރައްވަމުން ނާދިރާ ވިދާޅުވީ "ފިނިފެންމާ މޯޅި އަރުވާލައިފި"ކަމަށެވެ.

މިއަދު ހަވީރުން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ސައީދު އިސްވެ ހުންނަވައިގެން ޕީޕީއެމްގެ ބަޔަކާއެެކު މާލޭގެ ގެއެއްގެ ދޮރޮމައްޗަށް ހުއްޓިވަޑައިގެން އެގޭގެ އެމީހުންނާ ވާހަކަ ދެއްކެވުމަށް މަސައްކަތްކުރައްވާ މަންޒަރެވެ. ސައީދުގެ ވާހަކަތައް އަޑުއެހުމެއް ނެތި ނުރުހުން ފާޅުކޮށް ވާހަކަ ދައްކާފައެވެ.

ސައީދުގެ ވާހަކަ އަޑު ނާއްސަވައި އެގޭގެ ދޮރުމަތީގައި ހުރި ދޮށީ އުމުރުގެ ފިރިހެނަކު "ސައީދުމެން ދައްކާ ވާހަކަ އަޑު އެހޭކަށް ނެތެއް ނޫން ހޭ ހުސް ޖަރީމާއޭ ހިންގަނީ" ބުނެއެވެ. އަދި ފަހުން ސައީދު އޭނައާ ޖަލުން ބައްދަލުކޮށްފާނެ ކަމަށް ވެސް އެ ފިރިހެން މީހާ ބުނެ އެވެ.

އަދި މީގެ އިތުރުން އެގޭގެ ތެރެއިން ވާހަކަ ދެއްކި އަންހެނަކު "އަމިއްލަ ބޭބެ ޖަލަށް ލީ މީހަކު އެހެން މީހަކަށް ބަލާނެ ތޯ" ވެސް ސުވާލުކުރެއެވެ.

އެމީހުން އެހެން ބުނުމުން ސައީދުގެ މޫނުފުޅުން ނުތަނަވަސްކަން ފެނިގެން ދިޔައިރު އެތަނުގައި އެވަގުތު ތިބި ޕީޕީއެމްގެ އެއްވެސް އެކްޓިވިސްޓަކު އަނގައިން ވެސް ނުބުނެއެވެ.

ޕީޕީއެމްގެ ފަރާތުން ދޮރުން ދޮރަށް ހިނގަން ފަށާފައިވާ އިރު މިފަދަ އިތުރު ވީޑިއޯތަކަށް ސޯޝަލް މީޑިއާގައި ފެނިގެންދާނ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.