ޖުމްހުރީ ޕާޓީ (ޖޭޕީ)ން ރިޔާސީ އިންތިހާބަށް ވާދަ ކުރާ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު އެޕާޓީގެ ކައުންސިލަށް ލިބިދޭގޮތަށް އަސާސީ ގަވާއިދު އިސްލާހުކޮށްފިއެވެ.
ޖޭޕީގެ އަސާސީ ގަވާއިދަށް މި ބަދަލު ގެނައީ މިއަދު ބޭއްވި އެޕާޓީގެ ކޮންގްރެސްގައެވެ. ކުރިން އެޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ލީޑަރަކީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ.

ޖޭޕީގެ ކޮންގްރެސްގައި މިއަދު ވަނީ ޕާޓީގެ ލީޑަރަށް މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ ހާލަތްތަކުގައި ގިނަ ބާރުތައް ނައިބު ލީޑަރަކަށް ލިބޭ ގޮތަށް އަސާސީ ގަވާއިދަށް އިސްލާހުކޮށްފައެވެ.
އެ އިސްލާހުތަކުން ނައިބު ލީޑަރަކަށް ގިނަ ބާރުތަކެއް ލިބެ އެވެ. އަދި ޕާޓީގައި ޖުމްލަ ހަތަރު ނައިބު ލީޑަރުން ތިއްބަވާއިރު ބާރުތައް ލިބޭނީ ޕާޓީގެ ކައުންސިލުން ހޮވާ ނައިބު ލީޑަރަކަށެވެ.
ޖޭޕީގެ ކޮންގްރެސްގައި މިއަދު ވަނީ އަންނަ މަހުގެ 10 ގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު އިދިކޮޅު ކޯލިޝަނަށް ކަނޑަ ނޭޅިއްޖެނަމަ އެ ޕާޓީން ވަކި ކެންޑިޑޭޓަކު ނެރުމަށް ހަމަޖައްސައިފަ އެވެ.