Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޔާމީން ކެމްޕޭން ޓީމަށް އަދީބުގެ އާއިލާއާ ބައްދަލުކުރަން ނުކެރުނު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް އިއްޔެ މާލޭގައި ވަރުގަދަ "ދޮރުން ދޮރަށް" ކެމްޕޭނެއް ޖައްސާފައިވާއިރު ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ ގެއަށް ކެމްޕޭނު ވަފުދުން ވަޑައިނުގެންނެވުމުން ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އަދީބުގެ ގެ ހުރި މަގުގައި ތިބި ހުރިހާ ގެއަކަށް ރައީސް ޔާމީންގެ ކެމްޕޭން ޓީމުން ވަން ނަމަވެސް، ގަސްދުގައި އަދީބުގެ ގެ ވަނީ ދޫކޮށްލާފައި ކަމަށެވެ.

އަދި އަދީބުގެ އާއިލާއާ ބައްދަލުކުރަން ނުކެރުނީ އަދީބު މިނިވަން ކުރުމަށް ޖަހާފައިހުރި ޕޯސްޓަރު ފެނިފައި ބިރުންތޯ ނުވަތަ އަދީބުގެ މެނިފެސްޓޯ އެހެން މީހެއްގެ ނަމުގައި އަދީބުގެ އާއިލާއަށް ޕްރޮމޯޓް ކުރަން ނުކެރުމުންތޯ ނަޝްވާ ވަނީ ސުވާލު އުފައްދާފައެވެ.

ރައީސް ޔާމީން ވެރިކަމަށް ގެންނަން އަދީބު ބުރަކޮށް މަސައްކަތް ކޮށްފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅު ވަރަށް ގާތުން އަދީބު ވަނީ މަސައްކަތް ކުރައްވާފައެވެ. އަދީބަށް ރައީސް ޔާމީނާއި ޕާޓީ ތެރޭގައި ލިބުނު ތާއީދުގެ ސަބަބުން ރައްޔިިތުން އިންތިޚާބު ކުރި ނައިބު ރައީސް ވަނީ ގާނޫނު ބަދަލުކޮށްގެން މަގާމުން ދުރުކޮށްފައެވެ.

އަދި ނައިބު ރައީސްގެ މަގާމަށް އަދީބު އައްޔަން ކުރުމަށް ފަހު ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ތުހުމަތު އަދީބުގެ މައްޗަށް ސާބިތުވެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އިތުރު މައްސަލަތަކާ އެކު ޖުމުލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އަދީބާ ދެކޮޅަށް އަދިވެސް މައްސަލަތަކެއް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.