Last Updated: April 24, 23:11
Thursday, April 25, 2024
ރިޕޯޓް

ކެޔޮނިރު ކޮލަމް: ސިޔާސީ މީހުން ނުދައްކާ، ދައްކަން ނުކެރޭ ވާހަކަ

މިސާލަކަށް ރާއްޖޭގެ މީހުންއުޅޭ ރަށްރަށުގައި ރާ ވިއްކުމުގެ ހުއްދަ ދިނީ އެވެ! އެއްވެސް ސަރުކާރަކުން މިފަދަ ކަމެއް ކޮއްފިނަމަ ރައްޔިތުން އުތުރި އަރައިގަންނާނެއެވެ. "ސިޔާސީ ލީޑަރުން" ނާއި "ދީނީ އިލްމުވެރިން" ފިލާފަ ތިބި ހޮރު ހޮރުން ނިކުމެ ފަތުވާތައް ނެރެން ފަށާނެއެވެ.

އިސްލާމީ ޝަރިއަތާ ޙިލާފް، އަދި އިސްލާމް ދީނާ ޙިލާފް އެއްވެސް ކަމެއް ރާއްޖޭގެ ޤާނޫނުގައި ހުއްދަ ނުކުރެވޭނެ ކަމައް ބުނާނެއެވެ.
އަޅުގަނޑުގެ ސުވާލަކީ: ﷲ ހަރާމް ކުރެއްވީ ރާ އެކަނި ތޯއެވެ؟ ބޭންކް އިންޓަރެސްޓް ނުވަތަ ރިބާ އެއީ ހަލާލް އެއްޗެއްތޯއެވެ؟ ކީރިތި ޤުރުއާންގެ ބަޤަރާ ސޫރަތުގައި ﷲ ވަނީ ރިބާ ބޭނުންކުރާ މީހުންނާއި ރިބާ ދޭމީހުންނާ ދެކޮޅަށް ﷲ އާއި އެ އިލާހުގެ ނަބިއްޔާ ހަނގުރާމަ އިއުލާން ކުރައްވާ ކަމަށް ވަޙީ ކުރައްވައިފަ އެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކާއި ރާއްޖޭގައިވެސް ރިބާ ބޭނުން ކުރުން އާއްމު ވެފައި އޮތަސް ﷲ ޙަރާމް ކުރެއްވި ކަމެއް ހަލާލް ކުރެވޭނެ އެއްވެސް އުޒުރެއް ނުވަތަ ހުއްޖަތެއް ނޯންނާނެއެވެ. ދީނުގެ އުސޫލްތަކާ ދުރު މީހުން މިފަދަ ވާހަކަ ތަކާމެދު ދެކޭނީ ޖޯކެއްގެ ގޮތުގައެވެ. އެމީހުން ބުނާނީ ރާ ނުވިއްކައި، ރިބާ ބޭނުން ނުކޮށް މިޒަމާނުގެ ދުނިޔޭގައި ކުރިއަށް ނުދެވޭނެ ކަމަށެވެ. ނަމަވެސް މުސްލިމުންގެ އަޤީދާ އަކަށް ވާންޖެހޭނީ ﷲ ހަރާމް ކުރެއްވި އެއްވެސް ކަމެއްގައި ބަރަކާތެއް ނުވާނެ ކަމާއި، ހަރާމް ވިޔަފާރިއާ ދުރުވުމުން ރިޒުގުގެ ގޮތުން ހީނުކުރާ އާދޮރުތައް ﷲ ހުޅުއްވަވާނެ ކަމެވެ.

ރާއްޖޭގައި އިސްލާމީ ޝަރިއަތް ހިންގެނީ ވަރަށް އެހެންކަހަލަ ގޮތަކަށެވެ. ތިމާ ރުހޭކަމެއްނަމަ ހަރާމްވިއަސް އޯކޭއެވެ. ރިބާއާ ދެކޮޅައްބަހެއް ބުނާނެ، ނުވަތަ ބުނަންކެރޭނެ ސިޔާސީ މީހަކު މަދުވާނެއެވެ. މިސާލަކަށް އަދާލަތު ޕާރޓީގެ އިސް އެއްވެސް ފަރާތަކަށް މިކަމާ ބެހޭގޮތުން އެއްޗެއް ބުނަން ނުކެރޭނެކަން ކަށަވަރެވެ.

"ޕޮޕިއުލަރ ވޯޓު" ގެއްލިދާނެތީ ބިރުންނެވެ. ﷲ ހަރާމް ކުރެއްވި ކަމެއް ޤާނޫނަކުން ހުއްދަކޮއްގެން ތިބެން ކެރެއެވެ. އެކަމާ ބިރެއްވެސް ނުގަނެއެވެ. ނަމަވެސް "ޕޮޕިއުލަރ ވޯޓު" ނުލިބިދާނެތީ ހައްޤު ބަސް ބުނަން ބިރުގަނެއެވެ. ކޮންފަދަ ބޮޑު މުނާފިޤް ކަމެއްތޯއެވެ.

އިސްލާމް ދީނުގައި ނަހީ ކުރައްވައި، ހަރާމް ކަމަށް ބަޔާން ކުރައްވާ ފައިވާ، ރާބުއިން، ޒިނޭ ކުރުންފަދަ އެއްވެސް ކަމެއް ކުރާ ފާފަވެރިންނާ ދެކޮޅައް ﷲ ހަނގުރާމަ އިއުލާން ކުރައްވާފައި ވޭތޯ އެވެ؟ ރިބާ ފިޔަވައި އެވެ! ރިބާ ދޭ މީހާ އާއި، ރިބާގައި ހިފާ މީހާ އާއި، ރިބާ ދިނުމަށް މެދުވެރިވާ މީހާއާ ދެކޮޅައްވެސް މި "ހަނގުރާމަ" އިއުލާން ކުރެވިފައިވެއެވެ. ވީއިރު ރިބާ އެއީ މާކުޑަ ކަމަކަށްވެ، މާއާދައިގެ ކަންތައްވެސް ބޮޑެތި ކަންތަކަށްވެގެން އުޅޭ ސިޔާސީ މީހުންނާއި ދީނީ ޝެއިހުންނަކީ މުނާފިގުންނޫން ދެން ކޮންބައެއްތޯ އެވެ؟

އަންހެން ކަނބަލުން ބުރުގާ އެޅުމާމެދުވެސް ގިނަބަޔަކު ދެކެނީ ރިބާއާ މެދު ދެކޭފަދަ "މުނާފިޤް" ގޮތަކަށެވެ. ބުރުގާ އެޅުމަކީ އަންހެން ކަނބަލުންގެ އަމިއްލަ އިޙްތިޔާރަށް ދޫކޮއްލަން ޖެހޭ ކަމެއް ކަމަށް ސިޔާސީ މީހުން ބުނެއެވެ. އެހެންވީ އިރު ރާ ބުއިމާއި ޒިނޭ ކުރުންވެސް ހަމަ އަމިއްލަ އިޙްތިޔާރަށް ދޫކޮއްލަންވީ ނޫންތޯއެވެ؟ ބުރުގާ އެޅުމަކީ ވާޖިބު ކަމެއްކަމާއި މެދު އެއްވެސް މަޒުހަބެއްގައި ހިލާފެއްނެތެވެ.

ހިޔާލް ތަފާތުވެފައި ވަނީ ހަމައެކަނި މޫނު ބުރުގާ ވާޖިބްތޯ ނުވަތަ ނޫންތޯއާއި މެދު އެވެ. އެހެންކަމުން މުސްލިމް އަންހެނުން ބުރުގާ ނޭޅުން ރާއްޖޭގައި "ހުއްދަ" ވުމަކީ ކަނޑައެޅިގެން ހަރާމް ކަމެއް ހުއްދަ ކަމަށް ހެދިގެން ތިބުން ނޫން ދެން ކޮން ކަމެއްތޯއެވެ؟ މިވާހަކަ ދައްކަން ކެރޭނެ "އަދާލަތެއް" އެހެން "އާލާތެއް" ނެތެވެ.

އިސްލާމް ދީން ފުރަތަމަ ދުނިޔެއަށް ތައާރަފް ވެގެން އައި އިރު ރާ ހަރާމް ކުރެއްވުން ފަދަ ހުކުމްތައް ބާވައިލެއްވީ މަރުހަލާ ތަކަކަށް ބަހާލައިގެން ކަމަށްބުނެ، މިރާއްޖޭގައ،ި މިޒަމާނުގައިވެސް ކަން ކުރަންޖެހޭނީ އެފަދައިން މަޑުމަޑުން ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް ﷲ ހަރާމް ކުރެއްވި ކަމެއް ހުއްދަ ކޮއްގެން، މަޑުމަޑުންނޭ ކިޔަކިޔައި ތިބުމުގެ އިޙްތިޔާރެއް އެއްވެސް ފަރާތަކަށް މިހާރަކު ނޯންނާނެއެވެ. ރާ ހަރާމްވާ ފަދައިން ރިބާ އާއި ބުރުގާ ނޭޅުންވެސް ހަރާމެވެ. ހަމައެކަނި ތަފާތަކީ ރަލުގެ ވާހަކަ ދައްކާ މީހުންނަށް ރިބާ އާއި ބުރުގާގެ ވާހަކަ ދައްކަން ނުކެރޭތީ އެވެ. ނުވަތަ ނުދައްކާތީ އެވެ.

ރިބާ އާއި ބުރުގާގެ ވާހަކަ ދައްކަން ނުކެރޭ ފަދައިން، ސިޔާސީ މީހުންނަށާއި ސިޔާސީ ޝެއިހުންނައް ދައްކަން ނުކެރޭ އަނެއް ވާހަކައަކީ ޒަކާތުގެ ވާހަކައެވެ. ނިސާބު ހަމަވާ ކޮންމެ ފަރުދެއްގެ މުއްސަންތި ކަމުގެ 40 ބައި ކުޅަ އެއްބައި އަހަރަކު އެއްފަހަރު ޒަކާތުގެގޮތުގައި ނެރުމަކީ ﷲ ޝަރުއު ކުރައްވާފައިވާ ބޮޑު ވާޖިބު ކަމަކެވެ.

މުދަލުގެ ވެރިފަރާތުން އެ ޒަކާތް ނެރުން ވާޖިބްވާ ފަދައިން އާއްމުން އަތުން އެޒަކާތް ހޯދައި، އެޒަކާތުގެ ހައްގުވެރި ފަގީރުންނައް އެޒަކާތް ހަވާލު ކުރުމަކީ ދައުލަތުގެ މައްޗަށް ވާޖިބެކެވެ. ބީ.ޕީ.ޓީ އާއި ޖީ.އެސް.ޓީ އާއި އޭބީސީޑި ގެ އެހެނިހެން ނަންތައް ކިޔާ ފާޑުފާޑުގެ ޓެކްސް ތަކަކީ އިންސާނުން އުފައްދާފައިވާ ޓެކްސް ތަކެވެ. އެ ޓެކްސް ނުދައްކާ މީހުން ހުރަގެއަށް ލައި ހަރުކަށި ފިޔަވަޅު އަޅާ އިރު ﷲ ޝަރުއު ކުރެއްވި، އަދި ވާޖިބް ކުރެއްވި ޒަކާތް ނުދެއްކިއަސް އެއީ މި ދިވެހި ރާއްޖޭގައި އޯކޭ ކަމެކެވެ. އެއީ ވެސް އަމިއްލަ އިޙްތިޔާރަށް ދޫކޮއްލެވިފައިވާ "ކުޑަ" ކަމެކެވެ. މިވާހަކަ ދައްކަން ކެޜޭ ސިޔާސީ ލީޑަރެއް ނުވަތަ ސިޔާސީ ޝެއިހެއް ނެތެވެ.

ބަރަހަނާ ސައިޓު ތަކަށާއި، ވަހުށީ އިންޓަނެޓް ސައިޓު ތަކަށް އެއްވެސް ހުރަހެއްނެތި ދިވެހިރާއްޖޭގައި ވަދެވޭގޮތަށް އޮންނަ އޮތުން ނިމުމަކަށްގެނެސް މިފަދަ ބަރަހަނާ، އަދި އިސްލާމްދީނާ ޙިލާފް ސައިޓުތަކަށް އެއްވެސް ގޮތަކަށް ނުވަދެވޭ ވަރަށް އިންޓަރނެޓް ސެންސަރު ކުރަން ޖެހޭ ކަމަށް ބުނަން ކެރޭ މީހަކުވެސް މަދެވެ. ޕޯން ސައިޓްތައް ބޮލޮކް ކުރަންޖެހޭ ކަމާއި އިންޓަރނެޓަކީ ކޮންމެވެސް ވަރަކަށް ސެންސަރުނުކޮށް އާއްމުންނަށް ދޫކޮށްލަން ހެޔޮނުވާވަރު އެއްޗެއްކަމަށް ބުނެފި ސިޔާސީ މިހެއްގެ ސިޔާސީ މުސްތަޤްބަލް ނިމުނީއެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ދިވެހީންގެ ހާލަތެވެ. ސިޔާސީ މީހުން ތިބީ މިފަދަ ވާހަކަ ދައްކަން ބިރުންނެވެ. މިފަދަ ވާހަކަ ދައްކާ ސިޔާސީ ލީޑަރަކު ނަމަ އެއީ "ޕޮޕިއުލަރ" ކެންޑިޑޭޓެއްނޫނެވެ! މިއީ ހަޤީގަތެވެ.

ދިވެހިރާއްޖޭގައި އިންޓަނެޓް އަދި ކޭބަލް ޓީ.ވީގެ ޚިދުމަތްތައް ދިނުމުގައި ގެންގުޅޭ އުސޫލުތައް "ރިވިއު" ކުރުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މެދު އިސްލާމީ ފަތުވާދޭ ޤަވްމީ މަޖުލިހުގެ ލޯ އޮތީ "ކަނު" ވެފައެވެ. ރިބާ ކެއުން، ބުރުގާ ނޭޅުން، ޒަކާތް ނުދިނުންް، ނުވަތަ ޒަކާތް ނުނެގުން، އަދި އިންޓަރނެޓުން ޕޯން ސައިޓުތައް ބެލުންފަދަ ކަންކަން "ހުއްދަވެ"، އާއްމުވެފައިވާ އިރު ސިޔާސީ ލީޑަރުން ކޮބައިތޯއެވެ؟ ސިޔާސީ ޝެއިހުން ކޮބެއިތޯއެވެ؟ އިސްލާމީ ފަތުވާދޭ ޤަވްމީ މަޖުލިސް ކޮބައިތޯއެވެ؟

ރިބާ ހުއްޓުވުން، ބުރުގާ ނޭޅުމަކީ ހަރާމްކަމެއް ކަމުގައި ބުނުން، ޒަކާތް ނެގުމަކީ ދައުލަތުގެ މައްޗަށް ވާޖިބެއް ކަމުގައި ބުނުން، ކޭބަލް ޓީވީ އިން ދައްކާ، ފެޝަން ޓީވީ ފަދަ އިސްލާމީ ރިވެތި އަޙްލާގާ ހިލާފް ޗެނެލް ތައް ހުއްޓުވުން، އަދި ފަސް ނަމާދުގެ ބަންގި ގަޑީގައި ކޭބަލް ޓީވީގެ ބޭރު ޗެނެލްތައްވެސް މަދުވެގެން 5 މިނިޓަށް މެދު ކަނޑާލުން، ރޯދަމަހު މީޑިއާތަކުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ ބޮޑުބައެއް ރޯދަމަހާއިގުޅޭ ދީނީ ޕްރޮގްރާމްތަކެއް ކަމުގައި ހެދުން، ރޯދަމަހު ޓީ.ވީ އަދި ރޭޑިއޯގެ ޚިދުމަތް ރޭގަނޑު މެންދަމު ބާރައިގެ ފަހުން މުޅީންވެސް ދީނީ ޕްރޮގްރާމް ކަމުގައި ހެދުން، ކޭބަލްޓީވީގެ ހިންދީީ ޗެނެލް ތަކުން ބަގުވާން އަށް އަޅުކަން ކުރާތަން ބެލުމަކީ ދިވެހި އަންހެންވެރީންގެ ހޮބީ ކަމުގައި އޮތް އޮތުން ނިމުމަކަށް ގެނައުން: މިއީ ހައްތާވެސް ދައްކަން ޖެހޭ، އެކަމަކު ސިޔާސީ ފަރާތްތަކާއި ސިޔާސީ ޝެއިހުން ނުދައްކާ، ނުވަތަ ދައްކަން ނުކެރޭ ވާހަކަ ތަކެވެ.

މިވާހަކަތައް ދައްކަން ޖެހެނީ ހަމައެކަނި ހުކުރު ޙުތުބާ ތަކުގައެއް ނޫނެވެ. ޙުތުބާ ތަކެކޭ އެއްފަދައިން ރައްޔިތުންގެ މަޖުލީހުގައާއި، ސިޔާސީ ޕޯޑިއަމް ތަކުގައާއި، ހޮޅިއަށިތަކުގައާއި މީޑިއާގެ ޕްރޮގްރާމްތަކުގައިވެސް މިވާހަކަތައް ދައްކަން އެބަޖެހެއެވެ. މިމުޖުތަމައު ނިދާފައިއޮތް އޮތުން ނިމުމަކަށްގެނެސް އިސްލާމީ ދިވެހި ވެއްޓަކަސް ހޭލާން އެބަ ޖެހެއެވެ.ބިރުގަންނަނީ ނުވަތަ ޖެހިލުން ވަނީ ކޮންފަރާތެއް ދެކެ ތޯއެވެ؟ ހައްޤު ބަސް ބުނަން ނުކެރެނީ ފިނޑި ކަމުން ތޯއެވެ ނުވަތަ މުނާފިޤް ކަމުންތޯއެވެ؟ މިކަމުގަ ޒިއްމާ ނަގާނީ ކޮން ސިޔާސީ ލީޑަރުންނެއްބާއެވެ؟ ނުވަތަ ކޮން ސިޔާސީ ޝެއިހުންނެއް ބާއެވެ؟