Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އދ ގެ އާ ރެޒިޑެންޓް ކޯޑިނޭޓަރު ފަތްކޮޅު އަރުވައިފި

އދ އިން ރާއްޖެ އަށް ކަނޑައެޅުއްވި އާ ރެޒިޑެންޓް ކޯޑިނޭޓަރު މިސްޓަ އެންތަނީ ލައިލް، އެ މަނިކުފާނުގެ މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކަށް އަރުއްވައިފި އެވެ.

އިއްޔެ މެންދުރު ފަހު، ރައީސް އޮފީހުގައި ފަތްކޮޅު އެރުއްވުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، އާ ރެޒިޑެންޓް ކޯޑިނޭޓަރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެ މަރުޙަބާ ދެންނެވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އެކި މުއައްސަސާތައް ހަރުދަނާ ކުރުމަށް ބޭނުންވެފައިވާ އިޞްލާޙުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިޞްލާޙީ މަސައްކަތުގައި، އދ އާ އެކު މަސައްކަތް ކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމުގައި ވިދާޅުވި އެވެ.
ޚާއްޞަކޮށް، ރާއްޖޭގެ ޝަރުޢީ ދާއިރާއާއި، ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތައް، ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އަށް މިވަގުތު ކުރިމަތިވެފައި އޮތީ، މާލީ ގޮތުން ދަތި ދުވަސްވަރެއް ކަމުގައި ވިދާޅުވެ، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މާލީ ބިލްތަކުގެ މަޢުލޫމާތު، ރެޒިޑެންޓް ކޯޑިނޭޓަރަށް ދެއްވި އެވެ. އަދި ރާއްޖޭގެ ކަންކަން ހަމައަކަށް އަޅުވައި، ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި، އ.ދ.ގެ އެއްބާރުލުން ލިބޭނެކަން ޔަޤީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ބައްދަލު ކުރެއްވުމުގައި، އެކި ދާއިރާތަކުން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކަށް އާ ރެޒިޑެންޓް ކޯޑިނޭޓަރު ތަޢުރީފް ކުރެއްވި އެވެ. އެހެން ނަމަވެސް، ރާއްޖެ އަށް އަދިވެސް ތަރައްޤީ ބޭނުންވާކަން ފާހަގަ ކުރައްވައި، އެ މަނިކުފާނުގެ ދައުރުގައި އދ އިން ރާއްޖެ އަށް އެ އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވި އެވެ.

ދެމެހެއްޓެނިވި ތަރައްޤީ ޤާއިމް ކުރެވޭނީ، ޑިމޮކްރަސީ އަށް ކުރާ ދަތުރު ވަރަށް އޮމާން ވެގެންކަން ފާހަގަ ކުރައްވަމުން، ޚާއްޞަކޮށް، އިންތިޚާބުގެ ދުވަސްވަރު އަމަން ޤާއިމްވެފައި އޮތުން ވަރަށް މުހިންމު ކަމުގައި ރެޒިޑެންޓް ކޯޑިނޭޓަރު ވިދާޅުވިއެވެ. އަދި ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތައް އަމިއްލައަށް ޙައްލު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އދ އިން ރާއްޖެ އަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރުގެ މަގާމުގައި ކުރިން ހުންނެވީ އެންޑްރޫ ކޮކްސް އެވެ.