Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

"ސްޕްރީމް ކޯޓުގެ ޝަރީއަތްތައް ޓީވީން ލައިވް ކުރާނަން"

މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު އެދޭ ވެރިކަމެއްގައި ރާއްޖޭގެ ސުޕުރީމް ކޯޓުގައި ކުރިއަށްދާ އާއްމު މަސްލަހަތާ ގުޅުން ހުރި މައްސަލަތަކުގެ އަޑުއެހުންތައް ޓީވީން ލައިވް ކުރާނެކަމަށް ވިދާޅުވެއްޖެ އެވެ.

ސުއޫދު އެދޭ ވެރިކަމެއްގައި އޮންނަން ފެންނަ ގިނަ ކަންތަކާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރައްވަމުން އަންނަ އިރު މިއަދު ސުއޫދު ވިދާޅުވީ ޝަރީއަތް ކުރަން ޖެހޭނީ ހާމަކަމާއި އަދުލުވެރިކަމާއި އެކު ކަމަށެވެ.

ސުއޫދު ވަނީ މީގެ ކުރިން އޭނާ އެދޭވެރިކަމެއް އަންނަތާ 90 ދުވަހުގެ ތެރޭގައި ޓެރަރިޒަމް ގާނޫނު އުވާލާނެކަމަށްވެސް ވިދާޅުވެފައެވެ. ސުއޫދު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ހިފަނީ ޓެރަރިޒަމްގެ އަމަލުތަކަކަށް ނޫން ކަމަށެވެ. އެ ގާނޫނުގެ ބޭނުން ހިފަނީ، ހަމައެކަނި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ގާނޫނު ނެތަސް، ޓެރަރިޒަމްގެ ކުށްތަކަށް އަދަބު ދޭން ގާނޫނުލްއުގޫބާތު ފުދެ އެވެ.

މީގެ އިތުރުންވެސް ސުއޫދު ވިދާޅުވީ "އަހަރެން އެދޭ ވެރިކަމެއްގައި" މީހުންގެ މުދަލާއި ވަސީލަތްތައް ވިއްކައި ކުއްޔަށް ދޭނީ އާއްމުކޮށް ހުޅުވާލެވޭ ބީލަމެއްގައި އެންމެންނަށް ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ.

ރާއްޖޭގެ ޝަރީއަތްތައް މިހާރު ކުރިއަށްދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ ސުއޫދުއަކީ ރާއްޖޭގެ ބަންޑާރަ ނައިބްކަން ކުރައްވާފައިވާ ބޭފުޅެކެވެ.