Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ސިނަމާލެ ފްލެޓްތަކަށް ވަނީ އިހުމާލުވެފައި: މުއިއްޒު

ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ މެދު މާލޭ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށް، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިފަދައިން މުއިއްޒު ވިދާޅުވެފައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގެ ޙަރަކާތްތަކުގެ ތެރޭގައި މިހާރު ހިންގަމުންދާ މާލޭގެ ބައެއް ގެ ތަކަށް އިއްޔެ ޒިޔާރަތް ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ކައުންސިލުން، ފްލެޓްތަކުގެ މީހުންނާ މެދު އިންތިހާ ދަރަޖަ އަށް އިހުމާލުވެފައިވާ ކަން، އެ ތަންތަނަށް ވަޑައިގަތުމުން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީީގެ ބާރުގެ ދަށުގައި އޮތް ކައުންސިލަކުން، ރައްޔިތުންނާ މެދު އެހާ އިހާނެތިކޮށް ކަންތައްތައް ކުރަނީ ކީއްވެތޯ ވިދާޅުވެ މިނިސްޓަރު މުއިއްޒު ވަނީ ސުވާލު ކުރައްވާފައެވެ.

ފްލެޓްތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ މަރާމާތު ކުރާ ހިސާބަށް ގޮސްފައިވާ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. ސުވާލަކީ މުއިއްޒުގެ ސުވާލުގެ ޖަވާބަށް ކައުންސިލުން ލިބޭނީ ކޮން ޖަވާބެއްތޯއެވެ. ކަންތަކުގެ އަސްލާއި ހަގީގަތް އެނގިގެންދާނީ ކަމާއިގުޅޭ ހުރިހާ ފަރާތްތަކުގެ ބަސްވެސް އެނގިގެންކަން ގައިމެވެ.