Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

"ދަ ނަން" ސެޕްޓެމްބަރުގައި

ހޮލީވުޑްގެ ފިލްމް "ދަ ނަން" މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ރިލީޒް ކުރާގޮތަށް ހަމަޖައްސައިފިއެވެ.

މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ކޮރިން ހާޑީއެވެ. މިފިލްމަކީ އާދަޔާ ޙިލާފު ބިރުވެރި ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މިފިލްމަކީ މަޝްހޫރު "ދަ ކޮންޖަރިން" ސިލްސިލާގެ 5ވަނަ ފިލްމު ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ސިލްސިލާގެ ފިލްމުތަކަށް ދިވެހިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަ ކުރެވެއެވެ.

މިފިލްމުގެ މައިގަނޑު 3 ރޯލްއިން ފެނިގެން ދާނީ ޑެމެއިން ބިޝީރް، ޓައީސަ ފާމިގާ، އަދި ބޯނީ އާރަންސްއެވެ. މީގައި ބޯނީ ފެނިގެން ދާނީ "ދަ ކޮންޖަރިން" ސިލްސިލާގެ މަޝްހޫރު ކެރެކްޓަރެއް ކަމަށްވާ "ވަލަކް ދަ ނަން"ގެ މަގާމުންނެވެ. އަދި ޓައީސަ ފެނިގެން ދާނި ފިލްމުގެ ޓައިޓަލް ރޯލުންނެވެ.

މިފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ޑޭވިޑް ލެޒްލީ ޖޯންސަންއެވެ. އަދި ޕްރޮޑިއުސް ކޮށްފައިވަނީ ޕީޓާ ސެފްރަން އަދި ޖޭމްސް ވަންއެވެ.

2016ގައި ނެރުނު "ދަ ކޮންޖަރިން 2" އަށް ފަހު ވާނާ ބްރޯސް އިން ޖުލައި 13 2018ގައި "ދަ ނަން" ރިލިޒް ކުރަން ވަނީ އިޢުލާން ކޮށްފައެވެ. ނަމަވެސް ސަބަބު ތަކާހުރެ ފިލްމުގެ ރިލީޒް ކުރާ ތާރީހް ވަނީ ސެޕްޓެމްބަރު 7 އަށް ބަދަލުކޮށްފައެވެ.

މި ފިލްމްގެ ޓްރެއިލާ ޖޫން 13 ވަނީ ދައްކާލާފައެވެ.

"ދަ ކޮންޖަރިން" ސިލްސިލާ އަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ސިލްސިލާއެކެވެ. އަދި "ދަ ނަން" އަކީ ގިނަބަޔަކު އެފިލްމަކަށް އިންތިޒާރު ކުރަމުންދާ ފިލްމެކެވެ.