Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ފެރީ ފުލްވެ، އެތައް ބަޔަކު ފޭދޫގައި ތާށިވެއްޖެ

* ފެރީ ފުލްވެ ރައްޔިތުން ބަނދަރުގައި ތާށިވެފައި ތިބި އިރު ސީއީއޯ ހަލީލު ހުންނެވި މުވައްޒަފުން ގޮވައިގެން ވެހިކަލް ބުރެއްގައި
* ގިނަ ބަޔަކު މިހާރު ހުޅުމީދޫން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދަތުރު ކުރޭ
* ފެރީން ޖާގަ ލިބޭނެ ކަމުގެ އުއްމީދެއް ނޯވޭ

ހުޅުމީދޫން މިއަދު ހިތަދޫއަށް ދިޔަ އެތައް ބަޔަކު އެމްޕީއެލްގެ ފެރީ ފުލްވެ، ޖާގަ ނުލިބިގެން ފޭދޫ ބަނދަރުގައި ތާށިވެއްޖެއެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ހުޅުމީދޫ މީހަކު ބުނީ ގިނަ އަދަދެއްގެ ބަޔަކު މިއަދު ހުޅުމީދޫން ހިތަދޫގައި ކުރިއަށްދާ ގުރުއާން މުބާރާތަކަށް އައިސްފައި އެނބުރި ރަށަށް ނުދެވިގެން ބަނދަރުގައި އެބަތިބި ކަމަށެވެ.

އެމީހާ ބުނީ އެމްޕީއެލްއިން އަދި އެމީހުންނަށް ވަކި ފެރީއެއް ހަމަ ނުޖެއްސިގެން އުޅެނީ އެމްޕީްއެލްގެ ސީއީއޯ އަބްދުއް ރައްޒާގު ހަލީމު ބައިވެރިވެވަޑައިގަންނަވާ ވެހިކަލް ބުރަކަށް އެމްޕީއެލްގެ މުވައްޒަފުން ގޮސްފައިވާތީ ކަމަށެވެ.

ހަލީލު އެމްޕީއެލް މުވައްޒަފުން ގޮވައިގެން ވެހިކަލް ބުރެއްގައި، ރައްޔިތުން ފެރީ ފުލްވެ، ދަތުރު ނުކުރެވިފައި

"ލޯންޗެއް ހަމަޖައްސަން ބަލާއިރު ވެސް މާ މީހުން ގިނަ، ދޯނީގެ ކެޕްޓަނުންނާއި ކުރޫއިން ތިބީ ވެހިކަލް ބުރަށް ގޮސްފައިކަމަށް މައުލޫމާތު ލިބެނީ، އެހެންވެ އަދި ގޮތެއް ނުނިމޭ"

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހަފްތާ ހޮނިހިރު ދުވަހުވެސް ގިނަ ބަޔަކު ހުޅުމީދޫން ހިތަދޫއަށް ވަނީ އައިސްފައެވެ. އެދުވަހުވެސް ފެރީ ފުލްވެ އާއްމު ރައްޔިތުން ބޮޑު ތަކްލީފުތަކާއި ކުރިމަތިލާން ޖެހުނެއެވެ.

އެމްވީކޭ ފެރީގެ އުސޫލު އޮންނަ ގޮތުން ޓިކެޓް ނަގަން ޖެހެނީ ބަނދަރުގައި ހުންނަ އޮފީހުންނެވެ. އަދި ކިއު ހަދައިގެން ޓިކެޓް ވިއްކާއިރު ކޮންމެ ދުވަހަކުވެސް އޮންނަ ފެރީ ފުލްވެއްޖެ ނަމަ ދެން އެބަޔަކު ޖެހެނީ އެހެން ދުވަހަށް އިންތިޒާރު ކުރާށެވެ. ނޫން ނަމަ އަމިއްލަ އުޅަނދެއް ކުއްޔަށް ނަގައިގެން ދަތުރު ކުރާށެވެ.

ފެރީން ދަތުރު ކުރާ ރައްޔިތުންގެ ޝަކުވާ އަކީ ދަތުރު ކުރާ ނިސްބަތަށް ބަލައިގެން ހިދްމަތް ރަނގަޅުކޮށް ނުދިނުމެވެ.