ރާއްޖޭގެ ރަށްރަށުގެ ތަރައްގީ އަށް އަމާޒުކޮށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މަހުޖަން ގާސިމް އިބްރާހިމް "ރަށްވެހި ތަރައްގީ އެވޯޑް" ގެ ނަމުގައި މި އަހަރުން ފެށިގެން ކޮންމެ އަހަރަކު އެވޯޑެއް ދޭން ނިންމައިފި އެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ތަރައްޤީ އަށް އަމާޒުކޮށް ކޮންމެ އަހަރަކު ޚާއްޞަ އެވޯޑެއް އޭނާ ދިރިހުންނެވިހާ ހިނދަކު ދޭން ނިންމަވާފައިވާ ކަމަށެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މުޅި ރާއްޖެ އަށް ވަނީ ހުޅުވާލެވިފައި ކަމަށާ އެވޯޑްގެ ކަންކަން ކުރިއަށް ދާނެ ގޮތް ކުރިއަށް އޮތް 15 ވަރަކަށް ދުވަސްތެރޭ ވިލާ ފައުންޑޭޝަނުން އިޢުލާނު ކުރާނެ ކަމަށް ޤާސިމް ވަނީ ވިދާޅުވެފަ އެވެ.
މި އެވޯޑް ލިބޭނީ ކޮންމެ އަހަރެއްގެ ތެރޭގައި ވެސް ރަށުގެ ތަރައްޤީ އަށް އެންމެ މަސައްކަތް ކުރާ ރަށަކަށެޥެ. އެވޯޑާ އެކު 2،000،000ރ. ގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް، ޤާސިމް ވިދާޅުވިއެވެ. މީގެ އިތުރުން ދެވަނަ އަށް އަންނަ ރަށަކަށް 1،000،000ރ. އަދި ތިން ވަނަ އަށް އަންނަ ރަށަކަށް 500،000ރ. އާއި އެވޯޑް ދޭން ނިންމާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ގާސިމް އިބްރާހިމް ވިދާޅުވީ ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ކުޅަދާނަކަން ލިބިފައި ނުވާ 25 މީހަކަށް ކޮންމެ އަހަރަކު ވެސް އެ ފުރުސަތު ވިލާ ފައުންޑޭޝަނުން ދޭން ނިންމާފައިވާ ކަމަށެވެ.