Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ޒަމީރު ވިއްކާލައި، ގައުމު ބީލަމަކަށް ނުލާނަން: އަމީން

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް - ފޮޓޯ: ވީނިއުސް

ޖުމްހޫރީ ޕާޓީގެ ލީޑަޝިޕްގައި ކޮންމެ ބަޔަކު ތިބި ނަމަވެސް އެބޭފުޅުންނަކީ ޒަމީރު ވިއްކާލުމަށްފަހު ގައުމު ބީލަމަށްލާނެ ބައެއް ނޫން ކަމަށް އެ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ތިންވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބޭފުޅުންނާ ސްކައިޕް މެދުވެރިކޮށް މިއަދު ވާހަކަދައްކަވަމުން އަމީން ވިދާޅުވީ މިވަގުތު ހާލަތު ނިޔާކުރި ގޮތުން ކޮންގްރެސްއަށް ވަޑައިނުގެންނެވުނު ނަމަވެސް ކޮންގްރެސްގައި ބައިވެރިވި މަންދޫބުން އެމަނިކުފާނަށް ތާއީދުކުރައްވާ ވޯޓް ދެއްވީތީ އެކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.

އަމީންގެ ވާހަކަފުޅުގައި ވަނީމިދިޔަ ދައުރުގައި ޖޭޕީގެ ނައިބް ލީޑަރުންގެ ގޮތުގައި ތިއްބެވި އަބްދުﷲ ކަމާލުއްދީންއާއި، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީއަށްޓަކައި ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރުދަންނަވަމުން އަމީން ވިދާޅުވީ ދަތި އުދަނގޫ ވަގުތުތަކުގައިވެސް އެ ދެ ބޭފުޅުން ޖުމްހޫރީ ޕާޓީއާއި ގައުމަށްޓަކައި ކޮށްދެއްވި މަސައްކަތް ރަންއަކުރުން ލިޔާނެ ކަމަށެވެ.

އަމީން ވިދާޅުވީ ކަން ދިމާކުރި ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ކުރިމަތިލެއްވުމަށް ގާސިމް އިބްރާހީމަށް ފުރުސަތު ލިބިވަޑައިގުގެންނެވި ނަމަވެސް، ޖުމްހޫރީ ޕާޓީގެ ހުރިހާ ބޭފުޅުންގެ ހިތްތަކުގެ ލީޑަރަކީ ގާސިމް އިބްރާހީމް ކަމަށާއި އެއީ ދުވަހަކުވެސް ޖުމްހޫރީ ޕާޓީގެ "ރަތްލަޝްކަރު"ގެ ހިތްތަކުން ފިލުވާލެވޭނެ ނަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ގާސިމް އިބްރާހީމަކީ އަބަދުވެސް ގައުމުގެ މަސްލަހަތު އިސްކޮށް ގައުމުގެ އަމާންކަމާއި ހަމަޖެހުމަށް މަސައްކަތް ކުރައްވާ، ރައްޔިތުން ބޭނުންވާ ވަގުތު ރައްޔިތުންނާ އެންމެ ގާތުން ގައުމު އިސްކޮށްގެން އަބަދުވެސް މަސައްކަތް ކުރެއްވުމާ އެކު އެހެން މީހުންނަށް ގިނަ ފުުރުސަތުތަކެއް ހޯއްދަވައިދެއްވާ ލީޑަރެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުން ބޭނުންވާ އަމާޒަށް ވާސިލްވުމަށްޓަކައި ގާސިމް އިބްރާހީމާ އެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަންވެސް އަމީން ވަނީ ދެއްވާފަ އެވެ.

އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަޝިޕާ މިއަދު ހަވާލުވި ބޭފުުޅުންނަކީ ޒަމީރު ވިއްކާލުމަށްފަހު ގައުމު ބީލަމަށް ލާނެ ބައެއް ނޫން ކަމަށާއި އެ ބޭފުޅުން އިސްކުރާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ކަމަށެވެ.

އަދި ގައުމަށް ހެޔޮބަދަލެއް ގެނައުމަށްޓަކައި ޖުމްހޫރީ ޕާޓީގެ "ރަތްލަޝްކަރު" ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގައިވެސް އަމީން ވިދާޅުވި އެވެ.

ކުރިން ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް އަދާކުރައްވާފައިވާ އަމީން މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގަ އެވެ.